ޚަބަރު

ޚާރިޖިއްޔާއަށް ޑރ. ޚަލީލް، މާލީ ވަޒީރަކަށް ޒަމީރު، ސިއްޙީ ވަޒީރަކަށް ނާޒިމް


  • ވަޒީރުން ވަނީ މަޤާމުގެ ހުވާކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަވައިފިއެވެ.

ކެބިނެޓަށް ގެންނެވި ބަދަލުތަކުގެތެރޭގައި މާލީ ވަޒީރަކަށް ޢައްޔަންކުރައްވާފައިވަނީ މޫސާ ޒަމީރެވެ. މިހާތަނަށް ޒަމީރު ހުންނެވީ ޚާރިޖީ ވަޒީރުގެ މަގާމުގައެވެ. އަދި މާލީ ވަޒީރަކަށް މިހާތަނަށް ހުންނެވީ ޑރ. މުޙައްމަދު ޝަފީޤެވެ.

ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ ޑރ. ޢަބްދުﷲ ޚަލީލެވެ. ޑރ. ޚަލީލް މިހާތަނަށް ހުންނެވީ ސިއްޙީ ވަޒީރުކަމުގެ މަޤާމުގައެވެ.

ސިއްޙީ ވަޒީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. ނާޡިމް މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަޤާމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމުގައި ހުންނެވި ޑޮކްޓަރ މުޙައްމަދު ޝަފީޤް މިއަދު ވަނީ އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ.