ޚަބަރު

ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ޗައިނާ ދެމިއޮންނާނެ: ސަފީރު


  • ރާއްޖެއާއި ޗައިނާ ދެމެދު ގުޅުން ޤާއިމް ކުރިތާ 52 އަހަރު ވަނީ ވެފައި

  • ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި ޗައިނާގެ ހިއްސާ ބޮޑު

ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން އަބަދުވެސް ދެމިއޮންނާނެކަމާށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލީޝިން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ޗައިނާގެ 75 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ސަފީރު ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު ގުޅުން ޤާއިމް ކުރިތާ 52 އަހަރު ވެފައިވާއިރު، ރާއްޖެއާއި ޗައިނާގެ ގުޅުމަކީ، ކުޑަ ޤައުމަކާއި ބޮޑު ޤައުމެއްގެ ދެމެދު އޮންނަންޖެހޭ ގުޅުމުގެ ރަނގަޅު މިސާލެއް ކަމަށެވެ. އަދި އެ ގުޅުމަކީ އިތުބާރާއި އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ، ދެ ޤައުމަށް ފާގަތިކަން ގެނެސްދޭ ގުޅުމެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.

މިގޮތުން މި ގުޅުމުގެ ތެރެއިން ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްޜޫއުތައް ކުރިއަށް ގެންގޮސް، ތަރައްގީގެ ރޮނގުން ރާއްޖެއަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. އޭގެތެރޭގައި ސިނަމާލެ ބްރިޖާއި، ގެދޮރުވެރިކަމުގެ އެކި މަޝްރޫޢުތަކުގެ އިތުރުން ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢު މިސާލެއްގެ ގޮތުންސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދެވިފައިވާކަމަށެވެ. އަދި އެ ގުޅުމުގެ ތެރެއިން ތަރައްޤީގެ އިތުރު މަޝްރޫޢުތައް ރޭވިފައިވާކަން ފާހަގަކޮށް، ރައްޖޭގެ ތަރައްޤީއަށް ޗައިނާއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ވަނީރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ދެމެހެއްޓެނި ތަރައްޤީއަށް ރާއްޖެ ކުރަމުންދާ މަސައްކަތަށާއި، ސިޑްސް ޤައުމުތަކުގެ ކުރިއެރުމަށް ރާއްޖެއިން އިސްވެ ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ. އަދި ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ޗައިނާ ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ތަރައްޤީގެ ރޮނގުން ރާއްޖެއިން އިތުރު ކުރިއެރުންތަކެއް ހޯއްދާނޭކަމަށް ޔަޤީން ކުރައްވާކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި، ދައުލަތުގެ މުޢައްސަސާތަކުގެ އިސްވެރިންނާއި މަޖިލީސް މެންބަރުން ވަނީ ބައިވެވެވަޑައިގެންފައެވެ..