ޚަބަރު

ޗައިނާއަކީ އަަބަދުވެސް ރާއްޖެއަށް އެހީތެރިވެދޭ، ތަރައްގީގެ މުހިއްމު ބައިވެރިއެއް: ރައީސް


  • ޗައިނާގެ 75ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައި

  • ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގައި ޗައިނާއިން ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް

  • ރާއްޖެއާއި ޗައިނާގެ ގުޅުން މިގޮތުގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ދެއްވި

ޗައިނާއަކީ އަަބަދުވެސް ރާއްޖެއަށް އެހީތެރިވަމުން އަންނަ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަމަށާއި، ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތާނގައިވެސް ދަނީ އިތުރަށް ބަދަހިވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ 75ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ޗައިނާ އެމްބަސީއިން ރާއްޖޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ވޭތުވެދިޔަ ދިގު މާޒީގައި އެކި ރޮނގުރޮނގުން ޗައިނާއިން ހޯދި ކުރިއެރުންތަކާއި ކާމިޔާބީއަށް ތަޢުރީފުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދީގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީ އަދި އީޖާދީ ވިސްނުންތަކާއި ކުރިއެރުންތައް ހޯދުމުގައި ޗައިނާއިން ދުނިޔެއަށް ނަމުނާ ދައްކާފައިވާކަމަށެވެ. އަދި ވިދާޅުވީ މިއީ ޤައުމު އާރާސްތުކުރުމަށް އެ ޤައުމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ރާއްޖެ މިހާތަނަށް ކުރިމަތިލި އެންމެ ބޮޑު ކާރިސާކަމަށްވާ ސުނާމީ ކާރިސާގައި ޗައިނާއިން ދިވެހިރާއްޖެއަށް އެހީވުމުގައި ދައްކާފައިވަނީ ލާމަސީލު ނަމޫނާއެއްކަމަށް ވިދާޅުވިއެވެ. އަދި ސުނާމިގައި ލިބުނު ގެއްލުންތައް އާރާސްތުކުރުމަށް ގެދޮރު ބިނާކުރުމާއި ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ޗައިނާއިން ފޯރުކޮށްދިން އެހީވެސް ރައީސުލްޖުމްހުރިއްޔާ ފާހަގަކުރެއްވިއެވެ.

"ފަސްޖެހުމެއް ނެތި ޗައިނާއިން ރާއްޖެއަށް ވީ އެހީ ދިވެހިން މިއަދުވެސް އުފަލާއެކު ހަނދާން އާކުރޭ. ސުނާމީގައި އެހީވާން އައި ފަރާތްތައް ރާއްޖެއިން ދިޔައީ ދިވެހިންގެ ހިތްތަކާ ގާތް ރަޙުމަތްތެރިންގެ ގޮތުގައި." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޗައިނާއިން ގެނެސްދިނީ ރާއްޖޭގެ ކުރިމަގަށް އުއްމީދުކަމަށެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ދެ ޤައުމުގެ އިތުބާރާއި ގާތް ގުޅުން ހަނދާންކޮށްދޭ އެންމެ ފުރިހަމަ ބިނާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ދެ ޤައުމުން ދެކެމުންދާ ތަސައްވުރުގެތެރެއިން ގުޅިގެން މަސައްކަތްކުރުމުގެ ނަމޫނާ ދެ ޤައުމުން ދައްކަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖެއާއި ޗައިނާގެ ގުޅުން ޤައިމުކޮށްފައިވަނީ އިތުބާރާ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޚުތިރާމުގެތެރެއިންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ރާއްޖެއަށް މުހިންމު ދާއިރާތައްކަމުގައިވާ ވިޔަފާރި، ފަތުރުވެރިކަން، ދަނދުވެރިކަން، ރިނިއުބަލް އެނަރޖީ، ގެދޮރުވެރިކަން އަދި ޢުމްރާނީ ތަރައްޤީގެ ދާއިރާތަކުން ޗައިނާގެ އެހީތެރިކަން ކުރިމަގުގައިވެސް ލިބޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޗައިނާގެ ވާހަކައާއި ހޯދަމުންދާ ކުރިއެރުމަކީ މުޅި ދުނިޔެއަށް ކުރަހައިދިން ތަރައްޤީގެ ތަޞައްވުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެއާއި ޗައިނާގެ ގުޅުން އަބަދުވެސް ދާނީ ކުރިއަށްކަމަށެވެ. ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ ގާތް ބައިވެރިޔާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައްޖެއަށް ދިމާވީ ކޮންމެ ގޮންޖެހުމެއްގައި އެ ޙާލަތުން އަރައިގަނެ ޙާލަތު ބަދަލުކޮށްލުމުގައި ޗައިނާ އަބަދުވެސްއޮތީ ރާއްޖެއާއެކުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.