ޚަބަރު

ތަފާސްހިސާބު ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމަށް ފުރަތަމަ ފަހަރަށް ޑޭޓާ ފޯރަމެއް ބާއްވަނީ


  • މި ފޯރަމް ބާއްވަނީ އެމްއެމްޕީއާރުސީން

  • ފޯރަމް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ބޭރުގެ ކަމާ ގުޅުންހުރި ތަޖުރިބާކާރުންނާއެކު ޑޭޓާ ފޯރަމެއް ބޭއްވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ނިންމައިފިއެވެ.

މިއީ ޑޭޓާ ނުވަތަ ތަފާސްހިސާބު ބޭނުންކޮށްގެން ޓޫރިޒަމް މާކެޓްކޮށް ކުރިއެރުވުމަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ބާއްވާ ފޯރަމެއްކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. އެކޯޕަރޭޝަނުން މިހާރު ވަނީ މި ފޯރަމްގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައެވެ.

އެމްއެމްޕީއާރުސީން މި ފޯރަމް ބާއްވަނީ "އެމްބްރޭސިންގް ޑޭޓާ ފޮރ ޑެސްޓިނޭޝަން ސަކްސެސް" ނުވަތަ ތަފާސްހިސާބުގެ އަލީގައި ކާމިޔާބު ފަތުރުވެރިކަމުގެ މަންޒިލަކަށް ދަތުރުކުރުން މި ޝިއާރުގެ ދަށުންނެވެ. މި ފޯރަމް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ.

އީ-ޓޫރިޒަމް ފްރޮންޓިއާސްއާ ގުޅިގެން ބާއްވާ ޑޭޓާ ފޯރަމް 2024 ގައި މެލްޓްވޯޓާ، އަމަޑިއަސް، އަދާރާ، ޓްރިޕްއެޑްވައިޒާ، ޓޫރިޒަމް އިކޮނޮމިކްސް އޮކްސްފޯޑް، ފޯވާޑް ކީސް އަދި ޔޫނިއަން ޕޭގެ މަންދޫބުން ހިމެނޭ ގޮތަށް ޓޫރިޒަމް ސިނާއަތުގެ އިސްވެރިންނާއި ތަފާސްހިސާބު އެއްކޮށް ދިރާސާކުރުމުގެ ތަޖުރިބާކާރު ފަރާތްތައް ބައިވެރިވެ އެ މީހުންގެ ހުނަރާއި ތަޖުރިބާ ހިއްސާކުރާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީން ބުނީ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ފަހުގެ ބަދަލުތައް ތަފާސްހިސާބުގެ އަލީގައި ދެނެގަނެ ކާމިޔާބު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ދުނިޔޭގައި ދެމެހެއްޓުމަށް އެހީވެދޭނެ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭ ހަރަކާތަކަށް މި ހަރަކާތް ވާނެކަމަށެވެ.

މި ހަރަކާތާއި ގުޅޭގޮތުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤާމު ދެމެހެއްޓުމަށްޓަކައި އެމްއެމްޕީއާރުސީން ކުރާ މަސައްކަތުގައި ޑޭޓާ ފޯރަމަކީ ފަތުރުވެރިކަމުގެ ސިނާއަތްތެރިންނަށް ހޯދައިދެވޭ ވަރަށް ބޭނުންތެރި ޕްލެޓްފޯމެއްކަމަށެވެ. އަދި މި ފޯރަމްގައި ދުނިޔޭގެ މަޤުބޫލު ކުންފުނިތަކުން ބައިވެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހަރަކާތުގެ ސަބަބުން ފަތުރުވެރިކަމާ ގުޅުންހުރި ތަފާސްހިސާބުތައް ދިރާސާކޮށް އޭގެ އަލީގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ނިންމުންތައް ނިންމަން މަގުފަހިވެގެންދާނެ. އަދި ރާއްޖެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމުން އަރައިގަންނަން ފަސޭހަވެގެންދާނެ،" އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

ޑޭޓާ ފޯރަމްގެ ސަބަބުން ރާއްޖެއަކީ މަޤުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދަމަހައްޓަން ނިންމަން ޖެހޭ މުހިންމު ނިންމުންތައް ނިންމުމުގައި ތަފާސްހިސާބަށް ބުރަވެ ގޮތް ނިންމަން އެހީވެދޭނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ. އަދި ކުރިއަރަމުން އަންނަ ފަހުގެ ޓްރެންޑްތަކަށް ފައިހަމަކޮށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގެންދަން ބޭނުންވާ ތަމްރީނާއި ތަޖުރިބާ މި ފޯރަމްގެ ސަބަބުން ލިބިގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ.