ޚަބަރު

ޖަޕާނުގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ


  • ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް ވިދާޅުވި

ޖަޕާނުގެ އައު ބޮޑުވަޒީރު ޝިގެރު އިޝިބާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވީ އެޤައުމުގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުން ތަހުނިޔާ ދަންނަވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވީ ޝިގެރު އިޝިބާގެ ވެރިކަމުގައި ޖަޕާނަށް އިތުރު ތަރައްގީއާއި ކުރިއެރުން ލިބޭނެކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ އައު ސަރުކާރާ ގުޅިގެން ދެ ޤައުމުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރައްވަން މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމު އިޝިބާއަށް ލިބިވަޑައިގެންނެވީ، އެ މަޤާމުން ފުމިޔޯ ކިޝިދާ ހުސްވި އޮގަސްޓު މަހު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ޖަޕާނުގެ އެލްޑީޕީގެ ވެރިކަމަށް އައު ބޭފުޅަކު ޢައްޔަން ކުރުމަށް އިންތިޚާބެއް ބާއްވާފައި ވަނީ, އެ މަޤާމަށް އިތުރު ދައުރަކަށް ވާދަ ނުކުރައްވަން ކިޝިދާ ނިންމެވުމުންނެވެ. އެލްޑީޕީގެ އައު ވެރިޔާ ކަނޑައެޅުމަށް ބޭއްވި އިންތިޚާބު އިޝިބާ ކާމިޔާބު ކުރެއްވީ ނުވަ ކެނޑިޑޭޓަކާ ވާދަކުރައްވައެވެ.

ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 14 ނޮވެމްބަރު 1967ވަނަ އަހަރުއެވެ. މި ގުޅުމަށް މިއަހަރު 57 އަހަރު ފުރޭނެއެވެ.