ޚަބަރު

"ރާއްޖޭގެ ޒަކާތު ހައުސްއަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ އިދާރާއަކަށް ހެދުމަކީ އަމާޒެއް"


  • ޒަކާތު ހައުސްއިން ޖުމްލަ 44 މިލިޔަނަށް ވުރެއް ގިނަ ރުފިޔާ ވަނީ ދޫކޮށްފައި

  • ޒަކާތާއި ބެހޭ އިދާރާތަކުގެ ފަންނީ ލަފައާއި އެހީތެރިކަން ލިބެމުންދާކަމީ ޒަކާތު ހައުސް ކުރިއަރާ ދާކަމެއް

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ އިދާރާއަކަށް ހެދުމަކީ އަމާޒެއްކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވެއްޖެއެވެ. ޢިއްޒައްދީން މިހެން ވިދާޅުވީ ޒަކާތު ހައުސްގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވީ ޒަކާތު ހައުސް އުފެދިގެން އައުމާއެކު މިވީ މުއްދަތުގެ ތެރޭގައި ޒަކާތުގެ ނިޒާމަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އަދި ޒަކާތާއި ބެހޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ދިިނުމަށާއި ދެ ފުށްފެންނަ އަދި އާންމުންނަށް އިތުބާރު ކުރެވޭ އިދާރާއަކަށް ޒަކާތު ހައުސް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ.

އެގޮތުން ޒަކާތު ހައުސް ވެބްސައިޓެއް ހެދި ޒަކާތު ހައުސްގެ އެންމެހާ މައުލޫމާތު ފެންނާނެ ގޮތް ހެދިފައިވާކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ރާއްޖެއިން ބޭރުގެ ޒަކާތާ ބެހޭ އިދާރާތަކުގެ ފަންނީ ލަފައާއި އެހީތެރިކަން ލިބެމުންދާކަމީ ޒަކާތު ހައުސް ކުރިއަރައިދާކަމެއްކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ.

މީގެ އިތުރުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ހާލަތު ދެނެގަނެވި ރިވިއުކުރުމަށް ފަސޭހަވެގެން ގޮސްފައިވާކަންވެސް ޢިއްޒައްދީން ފާހަގަކުރެއްވިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވީ ފަލަސްޠީނުގައި އަނިޔާ ލިބެމުންދާ މުސްލިމް އަހުންނާއި އުހުތުންނަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުން 1 ލައްކަ ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ މުސްލިމް އަހުންނާއި އުހުތުން ފަލަސްޠީނުގައި ދިމާވެފައިވާ ގުދުރަތީ ކާރިސާއަކަށް ވުރެއް ބޮޑަށް ބައެއްގެ އަނިޔާގެ ދަށުގައި އެމީހުން ހޭދަކުރަމުންދާ ނިކަމެތިކަމުން އަރައިގަތުމަށް ކުރާ މަސައްކަތަށް އެހީވުމަށް ޒަކާތު ހައުސްއިން މިވަނީ 1 ލައްކަ ޑޯލަރުގެ ޑޮނޭޝަނެއް ދިނުމަށް ހަމަޖެހިފައި." ޢިއްޒައްދީން ވިދާޅުވިއެވެ.

ޒަކާތު ހައުސްއިން ޕީއެސްއެމްނިއުސްއާއި ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު ޒަކާތު ހައުސްއިން ޖުމްލަ 44 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭގެ ތެރެއިން ބޭސްފަރުވާގެ ޚިދުމަތަށް 6.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް 10 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ދީނީ ފަންޑުގެ ގޮތުގައި 8 މިލިޔަން އަދި ހާލުގައި ޖެހޭ ފަރާތްތަކަށް ދެވޭ އެހީގެ ގޮތުގައި 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރާއްޖޭގެ ޒަކާތު ހައުސް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ތަފާތު އެކި މަޝްވަރާތައް ދަނީ ކުރަމުންނެވެ. ރާއްޖޭގެ ޒަކާތު ހައުސްއަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ތަނަކަށް ހެދުމަކީ އަމާޒެއްކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވިއެވެ.