ޚަބަރު

މީދޫ އައިސްޕްލާންޓް އަޅަން ކައުންސިލުން 3،000 އަކަފޫޓުގެ ބިމެއް ހިލޭ ހަމަޖައްސަދީފި


  • މިއީ 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެއް

  • އެއްބަސްވުމުގައި ސޮއިކުރީ ސެޕްޓެމްބަރ މަހު

ދ. މީދޫގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން އައިސްޕްލާންޓް އަޅަން އެ ރަށު ކައުންސިލުން 3،000 އަކަފޫޓުގެ ބިމެއް ހިލޭ ހަމަޖައްސައިދީފިއެވެ. މިފްކޯއިން ވިދާޅުވީ، މިކަމުން ހާމަވަނީ އެރަށު ކައުންސިލުން މަސްވެރީންނަށް ދެއްވާ އަހަމިއްޔަތުކަންކަމަށެވެ.

ދ. މީދޫ އައިސްޕްލާންޓަކީ ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގެ ތެރެއިން އަލަށް ޤާއިމްކުރާ އައިސްޕްލާންޓެކެވެ. މީދޫ އައިސްޕްލާންޓުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއިން ސޮއިކުރީ ނިމުނު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

މީދޫ ކައުންސިލުން މި އައިސްޕްލާންޓް އެޅުމަށް ބިން ހަމަޖައްސައިދިނުމާއި ގުޅިގެން މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ މި އައިސްޕްލާންޓާއިއެކު އެ ސަރަހައްދުގެ މަސްވެރީންނަށް ނުވަތަ މަސްވެރިކަމަށް އައިސް ލިބޭގޮތް ވުމުން މިފްކޯއަށް ތާޒާ ކަނޑުމަސް ލިބިގެންދާނެކަމަށެވެ.

"ކައުންސިލްތަކުން ނަގަނީވެސް ރަމްޒީ ފީއެއް. އަދި އަޅުގަނޑުމެނަށް އެއިން ފައިދާ ނުވިޔަަސް މަސްވެރީންނަށް ހެޔޮ އަގެއްގައި އައިސް ވިއްކަނީ ކޮލެޓީ މަސް ހޯދުމުގެ މަގްސަދުގައި. މި މަސައްކަތް ނިމުމުން ދެން އެ ސަރަހައްދުން ވެސް ލިބޭނީ ކޮލެޓީ މަސް." މުއާޒް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މީދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ، މުސްތަގުބަލުގައި މީދޫއަށް މަސްއޮޑިފަހަރުގެ އައިސް އަޅަން ދިއުމުން އެރަށުގެ އިގްތިސާދީ އޮއިވަރު ބަދަލުވެ، ކުދި ވިޔަފާރިތަކުގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި މީދޫގެ އިތުރުން އެ ރަށާ ކައިރި ރަށްރަށުގެ ފަރުމަސް ވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރޯމަހުގެ މަސައްކަތުގައި އުޅޭ އާންމުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ނަސީމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން މީދޫގެ އިތުރުން ދ.ބަނޑިދޫ އާއި ށ. ފުނަދޫގައި އަޅާ ކޮންމެ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. މީގެ އިތުރުން ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ސްޓޯރޭޖެއް ހަދާނެއެވެ.

ޖުމްލަ 24 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކޮންމެ އައިސް ޕްލާންޓެއް ހެދުމަށް 8 މިލިއަން ރުފިޔާ ހޭދަވާނެއެވެ. އަދި މިއީ ސަރުކާރުން މިފްކޯއަށް ފައިސާ ދީގެން ހިންގާ މަޝްރޫއެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.