ޚަބަރު

ފަތުރުވެރިކަމަށް 52 އަހަރު: ބޭނުންވަނީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރަން


  • ފަތުރުވެރިކަން ފެށުނީ 1972 ވަނަ އަހަރު

  • މިހާރު ރާއްޖޭގައި 62،908 އެނދު ވަނީ އޮޕަރޭޝަންއަށް ނެރެފައި

  • ސިންދަފާތުކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރަމުން

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމެވީ 2021 ވަނަ އަހަރުއެވެ. 3 އޮކްޓޫބަރާއި ދިމާކޮށް މި ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިސޯޓް ހުޅުވާފައިވަނީ 3 އޮކްޓޫބަރުގައި ކަމަށްވާތީއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފެށުނީ މީގެ 52 އަހަރު ކުރިން 1972 ވަނަ އަހަރުއެވެ. ރާއްޖޭގެ ފަތުރުވެރިކަން ފެށުމަށް މެދުވެރިވީ އިޓަލީގެ ރައްޔިތެއްކަމަށްވާ ޖޯޖް ކޯބިން ރާއްޖެ އަންނަން ބޭނުންވި ހިސާބުންނެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިންގެ ގްރޫޕެއް އައީ 16 ފެބްރުއަރީ 1972 ގައެވެ. މި ދަތުރުގައި 22 މީހުން ވަނީ ރާއްޖެ އައިސްފައެވެ. އެމީހުން ރާއްޖޭގައިތިބީ 12 ދުވަހަށެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓް ހުޅުވުނީ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ މާލެ އަތޮޅުގެ ވިހަމަނާފުށީގައި ހުޅުވި ކުރުނބާ ވިލެޖް ނުވަތަ މިހާރުގެ ނަމުންނަމަ ކުރުނބާ މޯލްޑިވްސްއެވެ. މިއީ 30 ކޮޓަރީގެ ރިސޯޓެކެވެ.

ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާކަމަށެވެ. އެގޮތުން މިހާރުވެސް ސްޕޯރޓް ޓޫރިޒަމަށް ޕްރޮފޯސަލެއް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތްތައްކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް ފަތުރުވެރިން ގެންދިއުމަށްޓަކައި އިންވެސްޓަރުންނަށް ދެވެންއޮތް ލުއިތަކެއް ދިނުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާކަމަށެވެ.

"އެ ސަރަހައްދުތަކުން (ފަތުރުވެރިކަން ފުޅާވެފައި ނެތް) ރަށްތައް ނަގާއިރު ލޭންޑް ރެންޓުން އަދި އިކުއިޒަން ކޯސްޓުވެސް ވަރަށް ބޮޑުތަނުން ކުޑަކޮށް ޓެކްސް ތެރެއިންވެސް ވަރަށް ބޮޑެތި ލުއިތަކެއް ދިނީމަ އިންވެސްޓަރުން އެތަންތަނުގައި އިންވެސްޓް ކުރާނީ." ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 52 އަހަރުވީއިރު މިއަދު ރާއްޖޭގެ ފަތުރުވެރިކަމަށް ތަފާތު އެކި ބާވަތްތައް ވަނީ އިތުރުވެފައެވެ. އެކި ފަންތީގެ ފަތުރުވެރިންނަށްވެސް އާދެވޭނެ މަންޒިލަކަށް މިއަދު ރާއްޖެ ވަނީ ވެފައެވެ.

މިއަދު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 175 ރިސޯޓާއި، 901 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 152 ސަފާރީ އުޅަނދު ދަނީ ރަޖިސްޓްރީކޮށްގެން ޙިދުމަތް ދެމުންނެވެ. މިއީ މުޅި ޖުމްލަ 62،908 އެނދެވެ.

ރާއްޖެއިން ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް ވިދިވިދިގެން 4 އަހަރު ހޯދާފައެވެ. އަދި މިއަހަރުވެސް ރާއްޖެއިން ދަނީ މި އެވޯޑަށް ވާދަކުރަމުންނެވެ.

ރާއްޖޭގައި ހުރިހާ ފަންތިއެއްގައިވެސް މިހާރު ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަށް އެބަދެއެވެ. ސިނާޢަތާއި ކޮންމެވެސް ގޮތަކަށް ނުގުޅޭ އާއިލާއެއް ރާއްޖޭގައި ނެތޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ހާމަކޮށްދީ، ސާބިތުކޮށްދެނީ ދިވެހިންނަށް ކޮންމެ ބާވަތެއްގެވެސް ފަތުރުވެރިކަން ކުރެވިދާނެކަމެވެ.