ޚަބަރު

ޙައްޖު ކޯޕަރޭޝަން ހިންގާފައިއޮތީ ގުރޫޕެއްގޮތަށް، އަހަރަކު 40 މިލިޔަނުގެ ގެއްލުމުގައި: ޝަކީލް


  • މި ވޭތުވެދިޔަ 11 އަހަރު ކުންފުނީ އޮތީ ސަރުކާރަށް ބަރޯސާވެފައި

  • ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރަނިވެފައި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން މިހާތަނަށް ހިންގަމުންދިޔައީ އަހަރަކު 40އަކަށް މިލިޔަން ރުފިޔާގެ ގެއްލުމުގައި ކަމަށް ޙައްޖު ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. ޝަކީލް ވަނީ ފާއިތުވި 11 އަހަރު އެކުންފުނި ގެއްލުމުގައި ހިންގިކަން ފާހަގަކުރައްވާ، އެކުންފުނި ހަރުދަނާކުރުމަށް މިސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ފާއިތުވި 11 އަހަރުގެ ތެރޭގައި ޙައްޖުކޯޕަރޭޝަން ހިންގާފައިވަނީ އެ ކޯޕަރޭޝަން އުފެއްދި މަޤްޞަދުގައި ނޫންކަމަށެވެ. އެ އަހަރުތަކުގައި އެ ކޯޕަރޭޝަން އޮތީ ޙައްޖާއި ޢުމްރާއަށް މީހުންގެންދާ ގުރޫޕެއްގެ ގޮތުގައިކަމަށާއި، ކުންފުނި ހިންގާފައިވަނީ ފައިދާވާނެގޮތަކަށް ނޫންކަމަށެވެ. އެގޮތުން އެ ކޯޕަރޭޝަން ވަރަށްބޮޑަށް ދަރަނިވެރިވެފައިވާކަމަށާއި، އަހަރަކު 30 އާއި 40 މިލިޔަން ރުފިޔާއާ ދެމެދުގައި ގެއްލުމުގައި ހިންގަމުން ގޮސްފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ.

"ޙައްޖު ކޯޕަރޭޝަން ހިންގަމުން އައީ ސަރުކާރަށް ވަރަށް ބޮޑަށް ބަރޯސާވެގެން. އަޅުގަނޑު ހަވާލުވުމަށްފަހު ގޯސްކޮށް ކަންކަން ގޮސްހުރި ގޮތް ބަލާ އެކަންކަން ރަނގަޅުކޮށް މިސްރާބު ބަދަލުކުރުމަށްޓަކައި މަސައްކަތް މިވަނީ ފަށާފައި" ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަނަކީ އާމްދަނީ ލިބޭ ކުންފުޏަކަށް ހެދުމަށްޓަކައި އެކުންފުނިންވަނީ ރިއަލްއެސްޓޭޓް ވިޔަފާރިއަށް ވަނުމަށް ނިންމާފައެވެ. އެގޮތުން ހުޅުމާލޭގައި ރެޒިޑެންޝަލް އިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު އެ އިމާރާތުގެ އެޕާޓްމަންޓްތައް ވިއްކާނިމުމުން ކުންފުނީގެ ދަރަނީގެ ބޮޑުބައެއް ދެއްކޭނެކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ ރިއަލް އެސްޓޭޓް ދާއިރާ ނޫން އެހެން ދާއިރާތަކުންވެސް އިންވެސްޓު ކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި، ދިގުމުއްދަތަކަށް ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތްތައް ބަލަމުންދާކަމަށެވެ.

11 އަހަރު ވަންދެން ކުންފުނީގައި އޮތް ދަރަނި އެއްކޮށް ޚަލާސްކުރުމަށް ވަގުތުނަގާނެކަން ޝަކީލް ފާހަގަކުރެއްވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މި ދައުރުގެ ތެރޭގައި އެ ދަރަނި ދައްކާ ޚަލާސްކޮށް ކުންފުންޏަކީ ފައިދާގާ ހިންގާނެ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.