ޚަބަރު

ޤައުމަށް މިއަދު އެންމެ ބޭނުންވަނީ ރޫޙާނީ ހުސްކަން ނައްތާލަން: ރައީސް


  • ޤައުމަކަށް ރޫޙާނީ ހުސްކަމެއް ނުވަތަ އީމާނީ ފަގީރުކަމެއް އައުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށް ވިދާޅުވި

ދިވެހި މުސްލިމު މުޖުތަމަޢަށް މިއަދު އެންމެ ބޭނުންޖެހިފައިވަނީ ރޫޙާނީ ހުސްކަން ނައްތާލުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމަކަށް ރޫޙާނީ ހުސްކަމެއް ނުވަތަ އީމާނީ ފަގީރުކަމެއް އައުމުގެ ނުރައްކަލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ ދުނިޔެއަށް އަލަށް އައި ޓެކްނޯލޮޖީއާއި އެކި ކަހަލަ ކުރިއެރުންތައް އިންސާނީ މުޖުތަމަޢުތަކުގެ އަޚްލާޤަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިކަމަށެވެ. އަދި މިއަދުގެ ޒުވާން ޖީލުން ވިސްނާގޮތާއި ފިކުރުތައްވެސް އޭގެ ކުރީ ޖީލުތަކާއި ތަފާތުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖެން-ޒީ ނުވަތަ ޅަ ކުދިންނަކީ ކޮންޕިއުޓަރާއި ގޭމުތަކުގެ ޖީލެއްކަމަށާއި، އަދި އެއީ ތަޢުލީމު ލިބިފައިވާ ފަލްސަފާގެ ސަބަބުން އަމިއްލަ މިނިވަންކަމަށް އިންތިހާއަށް ބޭނުންވާ ޖީލެއްކަމަށެވެ.

އެހެންކަމުން މިއަދުގެ ޒުވާނުން ޤައުމާއި މުޖުތަމަޢުގައި ބާރުވެރިކުރުމަށް ޓަކައި މިޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް އެޒުވާނުން ހަދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ދިވެހީންގެ ތާރީޚާއި ދިވެހީން މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ދެމި އޮތް ޙަޤީޤަތްތައް އެޒުވާނުންނަށް ވިސްނޭނެ ގޮތަކަށް އަންގައިދެވެންޖެހޭ. އިސްލާމީ ޝަޚްޞިއްޔަތާއި ދިވެހި ޤައުމިއްޔަތަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަން ޖެހޭ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޅަ ކުދިންނާއި ޒުވާނުންގެ ކިބައިގައި ހުރި އިތުރަށް ފަރުވާ ބޭނުންވާކަންކަމަށް އަވަސް ހައްލެއް ގެންނަންޖެހޭކަމަށެވެ. ޚާއްޞަކޮށް އަޚްލާޤީ ރޫޙާނީ ދުޅަހެޔޮކަން އިތުރުކުރަން ޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޤައުމަކަށް ރޫޙާނީ ހުސްކަމެއް ނުވަތަ އީމާނީ ފަގީރުކަމެއް އައުމަކީ ވަރަށް ނުރައްކާތެރިކަމެއް. އޭރުން އެ ބައެއްގެ ޟަމީރުގައި ހެޔޮނުބައި ކަނޑައެޅުމުގެ ބާރެއް އާރެއް ނުހުންނާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފެންނަން އޮތް ޙަޤީޤަތަށް ބަލާއިރު، މިއަދު ދިވެހި މުސްލިމު މުޖުތަމަޢަށް އެންމެ ބޭނުންޖެހިފައިވާ ކަމަކީ މި ޤައުމުން ރޫޙާނީ ހުސްކަން ނައްތައިލުންކަމަށެވެ. އަދި ދިވެހި ކޮންމެ ދަރިޔެއްގެ ރޫޙާނީ ފުދުންތެރިކަން ކަށަވަރުކުރަން އެބަ ޖެހޭކަމަށާއި އީމާނާ ބުއްދިޔާ އަމަލު އެއްފަސްކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހު އެމަނިކުފާނު ދައްކަވަން ބޭނުންވަނީ މައިގަނޑު ތިން ވާހަކައެއްކަމަށެވެ. އެއީ ޤުރުއާނުގައި މުސްލިމުން ސިފަކުރައްވާފައިވާ ގޮތުގެ ވާހަކައާއި 21ވަނަ ޤަރުނުގެ ތަރައްޤީއާއި ތަޢުލީމާ އެކު އޮތް އަދުގެ ދިވެހިރާއްޖޭގެ މުޖުތަމަޢުން ފެންނަ ދީނާ ޚިލާފު އަމަލުތަކުގެ ވާހަކައާއި އެ ކަންކަން އިޞްލާޙުކުރުމުގައި ދިވެހިި ހުރިހައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ވާހަކަކަމަށެވެ. އެހެންކަމުން ނިޔަތާއި ބަހާއި ޢަމަލުން އިސްލާމްދީނުގައި ސާބިތުވުމަށް ދިވެހި އުންމަތަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.