ޚަބަރު

މި 5 އަހަރުތެރޭ ފަތުރުވެރިކަމުގެ އާމްދަނީ 7 ބިލިޔަން ޑޮލަރަށް އިތުރުކުރުމަކީ އަމާޒެއް: ވަޒީރު ފައިޞަލް


  • އާމްދަނީ މިހާރު ހުރީ 4.5 ބިލިޔަން ޑޮލަރުގައި

  • އަހަރަކު 4 މިލިޔަން ފަތުރުވެރިން ގެނައުމަށްވެސް ދަނީ މަސައްކަތް ކުރަމުން

އަމާޒަކީ މި ސަރުކާރުގެ 5 އަހަރު ނިމުމުގެ ކުރިން ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ 7 ބިލިޔަން ޑޮލަރަށް އިތުރުކުރުންކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއެވެ. ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފައިޞަލް ވިދާޅުވީ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން މި ސަރުކާރުގެ 5 އަހަރު ނިމޭއިރު އާމްދަނީ 7 ބިލިޔަން ޑޮލަރަށް އިތުރުކުރުމަށް ޕްލޭންތަކެއް އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެއިތުރުން އަހަރެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދުވެސް 4 މިލިއަންނަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ކުރިއަށްމިއޮތް އަހަރުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑުތަނުން ހަމަ ކުރިއަރައިގެން ގޮސް މިހާރު ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެގެ އިޤްތިޞާދަށް މި ކޮންޓްރިބިއުޓްކުރާ 4.5 ބިލިޔަން ޑޮލަރު ގާތްގަނޑަކަށް 7 ބިލިޔަން ޑޮލަރަށް މި ސަރުކާރު ނިމިގެންދާއިރު އަޅުގަނޑުމެންނަށް ޖެއްސޭނެކަމަށް. އެއަށް އަމާޒުކުރަމުން މިދަނީ. މި ސަރުކާރުގެ 5 އަހަރު ނިންމާލާނީ 3.5 މިލިޔަން ނުވަތަ 4 މިލިޔަން ފަތުރުވެރިން ގެނެސްފައި. އެކަން ކުރެވޭނެ އަޅުގަނޑުމެންނަށް މިހާރު މިހުރި ޕްލޭންތަކަށް މަސައްކަތްކޮށްފިކަމަށްވަންޏާ." ވަޒީރު ފައިޞަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިޞަލް ވިދާޅުވީ، ޗައިނާ އަދި އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

ޗައިނާ މާކެޓުން 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން މިއަހަރު ޒިޔާރަތްކޮށްފައިވާއިރު މިހާރު އަމާޒަކީ 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗައިނާ މާކެޓުން ގެނެސް 2019 ވަނަ އަހަރުގެ ރެކޯޑް މުގުރާލުންކަމަށް ވަޒީރު ވިދާޅުވިއެވެ. 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284،000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިހާތަނަށް ޗައިނާއިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ.

އަހަރު ފެށުނުއިރު އިންޑިއާ މާކެޓަށް ހީނަރުކަން އައިނަމަވެސް މިހާރު މި މާކެޓްވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ހައިސީޒަން ނިމިގެންދާނީ އިންޑިއާ މާކެޓްވެސް ވަރަށް ބޮޑު ކުރިއެރުމެއް ހޯދާނެކަމަށް ގަބޫލުކުރެވޭކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވިއެވެ.