ޚަބަރު

އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ރާއްޖެއަކުން ނުކުރާނެ: ރައީސް


  • އިސްކަމެއް ދެނީ މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށްކަމަށް ރައީސް ވިދާޅުވި

  • ރައީސް ވިދާޅުވީ ސަރުކާރުން ދަމަހައްޓާނީ "މޯލްޑިވްސް ފަސްޓް ޕޮލިސީ"

އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަން ހީނަރުވާ ފަދަ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ "ޓައިމްސް އޮފް އިންޑިއާ" ނޫހަށް ވަނީ އިންޓަވިއުއެއް ދެއްވާފައެވެ. އެ އިންޓަވިއުގައި ރައީސް ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ޒަމާނުއްސުރެ ޤާއިމުވެފައިވާ ރަހުމަތްތެރިކަމާއި އިހުތިރާމްގެ މައްޗަށް ބިނާވެފައިވާ އޮތް ގާތް ގުޅުމެއްކަމަށެވެ.

ރައީސް ވިދާޅުވީ، ޗައިނާއާއެކު މާ ގާތްގުޅުމެއް އޮތްކަމުގެ ތުހުމަތު ކުރިނަމަވެސް ސަރުކާރުން އެންމެ އިސްކަމެއް ދެނީ މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ޤާއިމުވެފައި އޮތުމުގެ މައްޗަށް ކަމަށެވެ. އެގޮތުން އެކި ދާއިރާތަކުން އެހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރަމުންދާއިރު ރާއްޖެއިން ކުރާ ކަމެއްގެ ސަބަބުން މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ގެއްލުމެއް ނުލިބޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"އިންޑިއާއާއެކު އޮތް ޒަމާންވީ އަދި ވަރުގަދަ ގުޅުމަށް އިސްކަންދެމުން ގެންދާނަން. އެހެން ޤައުމުތަކާއެކު އަޅުގަނޑުމެން ދަމަހައްޓައި ގުޅުންތަކުން، އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ބުރޫނާރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ދަމަހައްޓާނީ "މޯލްޑިވްސް ފަސްޓް ޕޮލިސީ" ކަމަށެވެ. އިންޑިއާއާއެކު އޮތް ޒަމާންވީ އަދި ވަރުގަދަ ގުޅުމަށް އިސްކަންދެމުން ގެންދާނެކަމަށާއި އެހެން ޤައުމުތަކާއެކު ދަމަހައްޓައި ގުޅުންތަކުން، އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ބުރޫނާރާނެކަމުގެ ޔަޤީންކަން އެބައޮތްކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއާއި އިންޑިއާއިން ވެސް އެއް ޤައުމުން އަނެއް ޤައުމަށް ހިއްސާކުރާ ކަންބޮޑުވުންތަކާއި އިސްކަންދޭ ކަންކަން ރަނގަޅަށް އެނގި ދަސްވެފައިވާކަމަށެވެ. އެހެންކަމުން މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދާނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.