ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތަށް، މިއަދު އިފްތިތާހުކޮށްފިއެވެ.
ރާއްޖެއަށް ރުޕޭ ކާޑު ތަޢާރަފްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހު ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ ހަރަކާތުގެ ތެެރެއިން ރާއްޖޭގައި ރުޕޭ ކާޑު ތަޢާރަފުކުރުމުގެ ގޮތުން ކަސްޓަމަރަކު ވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައަކުން ރުޕޭ ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައެވެ.
ރުޕޭ ކާޑު ތަޢާރަފުކުރުމާއެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައިވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެއެވެ. ރުޕޭއަކީ އިންޑިއާގައި ވަރަށް ބޮޑަށް މަގްބޫލުކަން ހޯދާފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ދެއްވި ސްޓޭޓްމަންޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ވެސް ފަށާނެކަމަށެވެ.
ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހެދުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިސާގެ މުޢާމަލާތް ކުރުމުގައި ފަސޭހަތެކެއް ލިބޭނެކަމަށެވެ.
ރުޕޭ ކާޑުގެ އިތުރުން ރާއްޖޭގައި ޔޫޕީއައިގެ ޚިދުމަތް ފެށުމަށް ނިންމާފައިވާއިރު މިދިޔަ އޯގަސްޓްމަހު ވަނީ މި ކަމަުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.