އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ޤާއިމުކުރުމަށާއި ދިވެހިރާއްޖޭގެ އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.
ކޮންސިއުލޭޓް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކުގެ ތެރޭގައެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ޖޮއިންޓް ސްޓޭޓްމަންޓުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، އިންޑިއާ އަބަދުވެސް އޮންނާނީ ދިވެހީންގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައިކަމަށެވެ.
ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމަށް އެކި ދާއިރާތަކުން މުހިއްމު ގިނަ ނިންމެވުންތަކެއް ނިންމަވާ އެކި ކަންކަމާއި ގުޅޭގޮތުން ދެޤައުމުގެ ދެމެދު ވެވުނު މަޝްވަރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން މޯދީ ވިދާޅުވީ، ދެޤައުމުގެ ކޮންސިއުލޭޓްގެ ޚިދުމަތް މިހާރަށްވުރެ ފުޅާކުރުމަށް ނިންމަވާފައިވާކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ބެންގަލޫރުގައި ޤާއިމުކޮށް، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ޤާއިމުކުރުމަށް މަޝްވަރާކުރައްވާފައިވާކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވިއެވެ. މިއާއެކު ދެޤައުމުގައި ދިރިއުޅެމުންދާ ދެޤައުމުގެ ރައްޔިތުންނަށް ބޭނުންވާ ކޮންސިއުލޭޓްގެ ޚިދުމަތްތައް މިހާރަށްވުރެ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށްވެސް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
"އައްޑޫގައި، އިންޑިއާގެ އައު ކޮންސިއުލޭޓް ޤާއިމުކުރުމަށާއި، އަދި ބެންގަލޫރުގައި ރާއްޖޭގެ އައު ކޮންސިއުލޭޓް އޮފީހެއް ހުޅުވާ ގުޅޭގޮތުންވެސްވަނީ މަޝްވަރާތައްކޮށްފައި." މޯދީ ވިދާޅުވިއެވެ.
ރާއްޖޭގެ ހައިކޮމިޝަން އިންޑިއާގެ ވެރިރަށް، ނިއުދިއްލީގައި އަދި ކޮންސިއުލޭޓް އޮފީހެއް އިންޑިއާގެ ޓްރެވިންޑްރަމްގައި މިހާރުވެސް ހުންނަނީ ޤާއިމުކޮށްފައެވެ. މިއީ ބޭސްފަރުވާއަށް ގިނަ ދިވެހީން ޢާއްމުކޮށް ގޮސްއުޅޭ ސަރަޙައްދަކަށްވުމުން މިއީ މުހިއްމު ޚިދުމަތެކެވެ. ހަމައެއާއެކު ބޭސްފަރުވާއަށާއި ތަޢުލީމު ހާސިލުކުރުމަށް ބެންގަލޫރަށްދާ ދިވެހީންވެސްވަނީ އިތުރުވެފައެވެ.
އެހެންކަމުން އަލަށް ޤާއިމުކުރެވިގެންދާ ކޮންސިއުލޭޓް އޮފީހާއެކު ދިވެހީންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރެވެއެވެ.