ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވިޔަފާރީގެ މައި ރަށް މުމްބާއީއަށް ވަޑައިގެންފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށްކުރައްވާ ދަތުރުފުޅުގެ ތިންވަނަ ދުވަހެވެ. އިންޑިއާގެ ނިއުދިއްލީއަށްފަހު ރައީސް މިއަދު ވަނީ އަގަރާއަށް ވަޑައިގެންފައެވެ. އަދި އޭގެފަހުން މިހާރު ވަނީ މުމްބާއީއަށް ވަޑައިގެންފައެވެ. މުމްބާއީއަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޗަތުރަޕަތީ ޝިވާޖީ މަހަރާޖު އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މުމްބާއީއަށް މިވަޑައިގަތީ މި ސިޓީގައި ބާއްވާ ޚާއްޞަ ވިޔަފާރީގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ހަރަކާތުގައި މުމްބާއީގެ ބޮޑެތި ވިޔަފާރިތަކާއި އިންވެސްޓްމަންޓު ކުންފުނިތަކުން ބައިވެރިވާނެއެވެ. އަދި އިންޑިއާގެ ބައެއް ސެލެބްރިޓީންވެސް ބައިވެރިވާނެއެވެ.
ވިޔަފާރީގެ މި ޚާއްޞަ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ. ނިއުދިއްލީގައިވެސް އިއްޔެވަނީ ޚާއްޞަ ވިޔަފާރީގެ ހަރަކާތެއް ބާއްވާފައެވެ.
އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ނަމުގައި ބޭއްވި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ތަފްސީލްކޮށްދެއްވާފައެވެ. ޚާއްޞަކޮށް ޑިޖިޓަލް އިކޮނޮމީއާއި، މާލީ ދާއިރާގެ ފުރުޞަތުތަކުގެ ވާހަކަތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަކީ އިންވެސްޓްމަންޓްތަކަށް ރައްކާތެރި އަދި ފަހިތަނެއްކަމުގައި ވިދާޅުވެފައެވެ. އަދި އިންޑިއާއަކީ ރާއްޖޭޣެ ވިޔަފާރީގެ ދާއިރާގައި މުހިންމު ބައިވެރިއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މުމްބާއީގައި ބާއްވާ ވިޔަފާރިއާއި ޓޫރިޒަމްގެ ޚާއްޞަ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންވެސް ވާހަކަފުޅު ދައްކަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު މަހަރާސްޓްރާގެ ގަވަރުނަރާއިވެސް ބައްދަލުކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މާދަމާ ވަޑައިގަންނަވާނީ ބެގަލޫރަށެވެ. އެތަނުގައިވެސް ބާއްވާ ރާއްޖޭގެ ޚާއްޞަ ވިޔަފާރީގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ދިވެހިންނާވެސް ބައްދަލުކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށް ޚާއްޞަ ފުރުޞަތުތަކެއް ދަނީ ފަހިވަމުންނެވެ. އެގޮތުން އިންޑިއާގެ ރުޕޭ ރާއްޖޭގައި ބޭނުންކުރެވޭނެ މަގު ވަނީ ފަހިވެގެން ގޮސްފައެވެ. އަދި ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ.
މިއާއެކު ރާއްޖޭގައި އޮތް ޑޮލަރުގެ ދަތިކަމަށް ބޮޑު ޙައްލެއް އަންނާނެއެވެ.