ޚަބަރު

ޓޫރިޒަމް ޕްރޮމޯޓްކުރަން ބޭއްވި ހަރަކާތުގައި ބޮލީވުޑްގެ ތަރިންނާއެކު ރައީސްގެ ޚާއްޞަ ވަގުތުކޮޅެއް


  • ބޮލީވުޑްގެ މަޝްހޫރު ފަންނާނުން މި ހަރަކާތުގައި ބައިވެރިވި

ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤްބޫލު ފަތުވެރިކަމުގެ މަންޒިލެވެ. ރާއްޖެއިން ވަނީ ޖެހިޖެހިގެން އެ ޝަރަފް ހަތަރުފަހަރު ހާސިލުކޮށްފައެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުވަމުން އަންނައިރު، އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ 10 ޤައުމުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. ޚާއްޞަކޮށް އިންޑިއާގެ ފަންނާނުންގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލަން އެފަދަ ދެވަނައެއް ނެތް މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް އިންޑިއާގެ މަޝްހޫރު ބޮލީވުޑު ތަރިން ރާއްޖެއަށް އެތައް ފަހަރަކު ޒިޔާރަތްކުރެއެވެ. އެކަން އެމީހުންގެ ސޯޝަލް މީޑިއާއިން އެހުރީ ފެންނާށެވެ.

ބޮލީވުޑް ނުވަތަ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަކީ މުޅި ދުނިޔޭގައިވެސް މަޤްބޫލު އެންމެ ބޮޑޫ އެއް އިންޑަސްޓްރީއެވެ. އެ އިންޑަސްޓްރީގެ ފަންނާނުންގެ ކޮންމެ ހަރަކާތަކީވެސް އޭގެ ސަބަބުން އެތައްކަމަކަށް އެތައް ވިޔަފާރިއަށް އަސަރުކުރުވާކަމެކެވެ.

ބޮލީވުޑްގެ ފަންނާނުން ރާއްޖެއަށް ޒިޔާރަތްކޮށް ނަގާ ފޮޓޯތައް އިތުރު އެތައް ބަޔަކު ރާއްޖެ ދިއުމަށް ޝަޢުގުވެރިވެއެވެ. ވުމާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގައި އިންޑިއާގެ ބޮލީވުޑް އިންޑަސްޓްރީއަކީ މުހިންމު ބައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަނީ ބޮލީވުޑްގެ އިންޑަސްޓްރީގެ މައި ސިޓީ މުމްބާއީއަށް ވަޑައިގެން ޓޫރިޒަމްގެ ޚާއްޞަ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ޚާއްޞަ ޓޫރިޒަމް ހަރަކާތުގައި އިންޑިއާގެ މަޝްހޫރު ފަންނާނުން ބައިވެރިވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ރާއްޖެއާމެދު ދެކޭ ގޮތް ހިއްސާކުރިއެވެ. ރައީސާއެކު ގިނަ ވަގުތުތަކެއް އެ ފަންނާން ހޭދަކުރިއެވެ.

މި ހަރަކާތުގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި ޝިލްޕާ ޝެޓީ، ޝޮނާކްޝީ ސިންހައާއި އޭނާގެ ފިރިމީހާ ޒަހީރު އިގުބާލް، ސަނީ ކޯޝަލް ކަރިޝްމާ ކަޕޫރު، އަރުބާޒް ޚާން ހިމެނެއެވެ. އަދި މަޝްހޫރު މޭކަޕް އާޓިސްޓް ސުރާ ޚާން ފަދަ މަޝްހޫރު މީހުންވެސް ބައިވެރިވިއެވެ.

މި ހަރަކާތުގައި އޭގެ ތެރެއިން ބައެއް ފަންނާނުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދެއްކިއެވެ. އެގޮތުން ޝިލްޕާ ޝެޓީ ބުނީ ރާއްޖެއަކީ އަބަދުވެސް ދާހިތްވާ މަންޒިލްކަމަށާއި، ރާއްޖެއަށް ކޮންމެ އަހަރަކު ދާކަމަށެވެ.
"އަޅުގަނޑަކަށް ހިޔެއްނުވޭ މިއަހަރު ނޫނީ އަހަރެން ރާއްޖެ ނުދާ އެންމެ އަހަރެއްވެސް. އެންމެ ހިތްގައިމީ ރާއްޖޭގެ ގޮނޑުދޮށްތައް." ޝިލްޕާ ބުންޏެވެ.

ޝޮނާކްޝީ ބުނީ ރާއްޖެއަކީ އޭނާގެ އެންމެ މަގުބޫލު މަންޒިލްކަން އޭނާގެ ސޯޝަލް މީޑިއާ އެކިވާނެކަމަށެވެ. އެންމެފަހުންވެސް ޗުއްޓީއަށް ރާއްޖެ ގޮސް ގިނަ ހަނދާންތަކެއް އިންޑިއާއަށް ގެނައިކަމަށް ބުންޏެވެ.

"އަހަރެން މިހާތަނަށް ދުށް އެންމެ ސުލްހަވެރި ތަން ރާއްޖެއަކީ. އަބަދުވެސް ދާން ބޭނުންވޭ. އަހަރެންގެ ފިރިމީހާއަށްވެސް ރާއްޖެ ތަޢާރަފްކޮށް، މިހާރު ރާއްޖެވެފައިވަނީ އަހަރެމެން ދެމަފިރިންގެ ޚާއްޞަ މަންޒިލަށް. މިއޮތީ އެންމެފަހުން ރާއްޖެއިން ލިބުނު ހަނދާން." އަތުގައި އަޅާފައިވާ ޚާއްޞަ ބޭންޑެއް ދައްކާލަމުން ސޮނާކްޝީ ބުންޏެވެ.

އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއާއި، އެމްއެމްޕީއާރުސީ ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޑިއާއިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކާ ގާތްކުރާ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވެެއެވެ. ބޮލީވުޑްގެ ފަންނާނުން ވަނީ ރާއްޖޭގެ ރީތިކަމަށް ތަޢުރީފްކޮށްފައެވެ. އަދި ދިވެހީންގެ މެހެމާންދާރީއަށް ޝުކުރު އަދާކުރިއެވެ..ަަަަަަަަަަަަަަަަަަަަ