ޚަބަރު

ސެޕްޓެމްބަރުމަހު މީރާއަށް 2.3 ބިލިޔަން ރުފިޔާ، އަންދާޒާއަށްވުރެ %28.7 އިތުރު


  • ޖީއެސްޓީގެ ގޮތުގައި 1.02 ބިލިޔަން ރުފިޔާ ލިބިފައިވޭ

  • ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 360.78 މިލިޔަން ރުފިޔާ

  • އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 147.99 މިލިޔަން ރުފިޔާ

މިދިޔަ ސެޕްޓެމްބަރުމަހު 2.30 ބިލިޔަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.

މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %93.1 މަތީ އަދަދެކެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރުމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %28.7 އިތުރު އަދަދެކެވެ.

މީރާއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ %44.5 ނުވަތަ 1.02 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިންނެވެ. އެއީ %15.7 ނުވަތަ 360.78 މިލިޔަން ރުފިޔާއެވެ.

މީގެ އިތުރުން ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 229.95 މިލިޔަން ރުފިޔާ، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 147.99 މިލިޔަން ރުފިޔާ، އެއާޕޯރޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 101.78 މިލިޔަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 409.95 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަމަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 102.05 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މީރާއިން މައުލޫމާތު ދެއްވާގޮތުގައި ސެޕްޓެމްބަރު 2023 އާއި އަޅައިބަލާއިރު، ސެޕްޓެމްބަރު 2024 ގެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޖީ.ޖީ.އެސް.ޓީ، ޓީ.ޖީ.އެސް.ޓީ އަދި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.

މީގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު މަހު ލިބިފައިވާ ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީގެ އަދަދު އިތުރުވުމުގެ ސަބަބުން މީރާއަށް ބަލައިގަނެފައިވާ ޖުމުލަ އަމްދަނީ އިތުރުވެފައިވާކަމަށްވެސް މީރާއިން މައުލޫމާތު ދެއްވައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖީ.އެސް.ޓީ އަދި ރިސޯޓުތަކުގެ ކުލި ދެއްކުމުގެ ސުންގަޑި ސަރުކާރު ބަންދު ދުވަހަކާއި ދިމާވުމާއި ގުޅިގެން، އެ ފައިސާ ބަލައިގަނެފައި ވަނީ އޮކްޓޫބަރު 2023 ގައެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ސުންގަޑިއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވުމާއެކު ޖީ.އެސް.ޓީ، ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީ، ކުރީގެ ސުންގަޑިތަކަށް މި މަހު ލިބިފައިވުމަކީ، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާއި އަޅައިބަލާއިރު ސެޕްޓެމްބަރު 2024 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެއް ކަމަށް މީރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނަށް ގެނެވުނު 13 ވަނަ އިސްލާހާއި ގުޅިގެން ރިސޯޓުތަކުގެ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ 99 އަހަރަށް އިތުރުކުރުމުގެ ސަބަބުން މި މަހު މީރާއިން ބަލައިގެން އާމްދަނީ ވަނީ އިތުރުވެފައެވެ.

މީރާއިން ވިދާޅުވިގޮތުގައި ސެޕްޓެމްބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީ މީރާއިން ބަލައިގަނެފައިވުންވެސް ހިމެނޭކަމަށެވެ.

ހަމައެހެންމެ އަލަށް ކުއްޔަށް ދޫކުރި ރަށްތަކުގެ ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީގެ އާމްދަނީއާއެކު ޖީ.އެސް.ޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ކުރީގެ ސުންގަޑިތަކަށް ބަލައިގަނެފައިވާ ފައިސާ ލިބިފައިވެއެވެ. އަދި މީގެ އިތުރުން، ސެޕްޓެންބަރު 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %8.1 އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަމަށްވެސް މީރާއިން މައުލޫމާތުދެއްވައެވެ.