ޚަބަރު

ޓީ20 ވިމެންސް ކްރިކެޓް ވޯލްޑް ކަޕް: ނިއު ޒީލަންޑުން ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި


ޔޫއޭއީގައި ކުރިއަށްދިޔަ ޓީ20 ވިމެންސް ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި 32 ލަނޑުން ދެކުނު އެފްރިކާ ބަލިކޮށް، ނިއު ޒީލަންޑުން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ ފައިނަލެއްގައި ނިއު ޒީލަންޑުން މިހާތަނަށް މޮޅުވި ފުރަތަމަ ފަހަރެވެ. މީގެކުރީން، 2009 އާއި 2010 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވަނީ ބަލިވެފައެވެ.

ދުބާއީގައި ރޭ ކުޅުނު ފައިނަލްގައި ޓޮސް ދިމާވުމުން ދެކުނު އެފްރިކާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ނިއު ޒީލަންޑުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ވަނީ ފަސް ވިކެޓަށް 158 ލަނޑުހަދައިފައެވެ. ނިއު ޒީލަންޑުން އެންމެ ރަނގަޅަށް ކުޅުނީ 43 ލަނޑުހެދި އަމޭލިއާ ކާރ އެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނު ބްރޫކް ހާލިޑޭ ވަނީ 28 ބޯޅައިން 38 ލަނޑުހަދައިފައެވެ. ދެކުނު އެފްރިކާ އިން އެންމެ ރަނގަޅަށް އުކި ނޮންކުލުލެކޯ އެމްލާބާ ދެ ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ދެކުނު އެފްރިކާ އަށް ހެދުނީ 126 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން، ލައުރާ ވޮލްވާޓް އެވެ. ވޮލްވާޓް ފިޔަވައި އެހެން ކުޅުންތެރިއަކަށް 20 އިން މަތީގެ ސްކޯއެއް ނުކުރެވުނެވެ. އޭނާ ވަނީ 27 ބޯޅައިން 33 ލަނޑުހަދައިފައެވެ. މި އިނިންގްސްގައި ދެކުނު އެފްރިކާގެ ކުޅުންތެރިން ދަށް ސްކޯއަކަށް ނުބައިކޮށްލުމުގައި ނިއު ޒީލަންޑްގެ އުކުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް އުކި ރޯޒްމަރީ މެއާ އާއި އަމޭލިއާ ކާރ ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ.

މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަމޭލިއާ ކާރ އެވެ.