ބަޔޯމެޓްރިކްސް ނެގުމަށް ބިދޭސީން ފޮނުވުމުގެ ކުރިން އެފަރާތަކީ ބަޔޯމެޓްރިކްސް ފުރިހަމަ ނުވާ ފަރާތެއްކަން ކަށަވަރު ކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އިލްތިމާސް ކުރައްވައިފިއެވެ.
އެވުޒާރާއިން މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ، ބަޔޯމެޓްރިކްސް ނެތް ފަރާތްތަކުގެ ބަޔޯމެޓްރިކްސް ނެގުމަށް ގިނަ ޢަދަދެއްގެ ބިދޭސީންތަކެއް އެންއައިސީއައިޓީއަށް ގޮސް ގިނައިރުތަކެއްގައި ކިޔުގައި ތިބޭކަމުގެ ކަންބޮވުމާއެކުގައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންވަނީ، ކުރަނގި އޮޕަރޭޝަންގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މިމަސައްކަތުގެ ދަށުން ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއެއްގެ 10 އިނގިލީގެ ނިޝާން ނެގުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެގޮތުން 98 އިންސައްތަ ބިދޭސީންގެ މަޢުލޫމާތާއި އެމީހުންގެ 10 އިނގިލީގެ ނިޝާން ވަނީ ނަގާފައެވެ.
އެކި މަރުޙަލާތަކަށް ބަހާލައިގެން ތަންފީޒުކުރަމުންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހަފުތާގެ ތެރޭގައިވަނީ، 10 އިނގިލީގެ ނިޝާން ނުދޭ ބިދޭސީން ތިބިނަމަ ސިސްޓަމްގެ ތެރެއިން ދެމުންދިޔަ ޚިދުމަތްތައް ސަސްޕެންޑުކޮށްފައެވެ. މިއާއެކު ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުގެ ޙަވާލުގައި ތިބި ގިނަ ޢަދަދެއްގެ ބިދޭސީން ވަނީ، ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރިއަށްދާ އެންއައިސީއައިޓީގެ ޢިމާރާތް ކައިރިއަށް ޖަމާވެފައެވެ.
މި މިނިސްޓްރީން އެން.ސީ.އައި.ޓީގައި ގާއިމުކޮށްފައިވަ "އޮޕަރޭޝަން ކުރަނގި" ޖޮއިންޓް އޮޕަރޭޝަން ސެންޓަރަށް ބަޔޮމެޓްރިކްސް ނެގުމަށް ހާޒިރުވާ ބިދޭސީންގެ ތެރޭގައި، މިހާރުވެސް 10 އިނގިލީގެ ނިޝާން ފުރިހަމަކޮށް، ބަޔޮމެޓްރިކްސް އަދާހަމަކޮށްފައިވާ ފަރާތްތައް ގިނަކަން މި މިނިސްޓްރީން… pic.twitter.com/JWNFIRtzmz
— Ministry of Homeland Security, Labour & Technology (@HomeMinistrymv) May 14, 2026
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ބިދޭސީންގެ 9 އިނގިލީގެ ނިޝާން އިންނަމަވެސް ސިސްޓަމުން އެފަރާތްތަކުން ބަޔޯމެޓްރިކްސް ނުނަގާކަމަށް ފްލެގްވާނެ ކަމަށެވެ. އެހާހިސާބުން ޚިދުމަތްތައް މެދުކެނޑޭނެ ކަމަށެވެ.
"އެދުވަހު މެންދުރު އަޅުގަނޑުމެން އެންފޯސްކުރަން ފެށީމަ ވަގުތުން ޝަޓްޑައުންވީ ހުރިހާ ޚިދުމަތެއް 10 އިނގިލީގެ ފިންގަރޕްރިންޓް ނުދޭ އެންމެ ބިދޭސީ އެއްވެސް އޭނާގެ ބެލުމުގެ ދަށުގައި ހުރިކަމުގައިވާނަމަ. އަޅުގަނޑުމެންނަށް ފަހުން އެނގުނު އަޅުގަނޑުމެން ބޭނުންވިގޮތަކަށް ނޫންކަމަށް އެންފޯސްމަންޓް ސިސްޓަމް ތެރެއަށް ދިޔައީ، އެހެންވީމަ އެރެއިން ރެއަށް ޚިދުމަތް އަނބުރާ ދީފަވާނެ އޭގެތެރެއިން ގިނަ ފަރާތްތަކަށް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، އެދުވަހަކީ މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން މާސްއިންސްޕެކްޝަނެއް ކުރިއަށް ގެންދިޔަ ދުވަހެއްކަމުން ގިނަ ބިދޭސީންނަށް ޤަބޫލުކުރެވުނީ 10 އިނގިލީގެ ނިޝާން ހަމަނުވާނަމަ ހައްޔަރު ކުރަމުންދަނީ ކަމަށެވެ.
މިކަމާއި ގުޅިގެން ވޭތުވެދިޔަ އެކި ދުވަސްތަކުގައި ބިދޭސީން ވަނީ، އެންސީއައިޓީގެ ޢިމާރާތް ކައިރިއަށް ޖަމާވެފައެވެ. ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވަނީ، އެކްސްޕެޓް ސިސްޓަމްގެ ތެރެއިން އަދި އެކަމަށްޓަކައި ޤާއިމުކޮށްފައިވާ ކިޔުއާރް ކޯޑު މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެހެންކަމުން ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ފޮނުވާއިރު، އެފަރާތެއްގެ 10 އިނގިލީގެ ނިޝާން ނުނެގޭކަން ކަށަވަރު ކުރުމަށް އެވުޒާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހަމައެއާއެކު ބަޔޯމެޓްރިކްސް ދިނުމަށް ގޮސްތިބި ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާން ހަމައަށް ނެގިފައި ހުރިކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.
ބަޔޯމެޓްރިކްސް ނަގާފައިވާ މީހުންގެ ތެރެއިން ޤަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ހޯދައި ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.