ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ބީއެމްއެލް ސްކޫލް ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު ހޮވިއްޖެއެވެ.
މި މަހުގެ 12 އިން 17 އަށް ހުޅުމާލޭ ސްވިމިންގ ޕޫލުގައި ކުރިއަށްގެންދިޔަ މި މުބާރާތުގައި ފެތުންތެރިން ވާދަކުރި ގިނަ އުމުރުފުރާތަކުން އެއްވަނަ ހޯދައި، ޖޫނިއަރ ގުރޫޕް އަދި ސީނިއަރ ގުރޫޕުން އެންމެ މޮޅު ސްކޫލުގެ ވަނަ ހޯދައި، މުޅި މުބާރާތުގެ އެންމެ މޮޅު ސްކޫލުގެ މަގާމު ޣިޔާސުއްދީނުން ހޯދިއިރު، ޖޫނިއަރ އަދި ސީނިއަރ ގުރޫޕުން ދެވަނަ ހޯދައި، މުބާރާތުގެ ދެވަނަ ސްކޫލުގެ މަގާމު ހޯދާފައިވަނީ އިސްކަންދަރު ސްކޫލެވެ.
މުބާރާތުގެ ޖޫނިއަރ އޭ ގުރޫޕުގެ އަންހެން ކުދިންގެ އެއްވަނަ ސްކޫލް އަދި ސީނިއަރ ގުރޫޕުގެ އަންހެން ކުދިންނާ ފިރިހެން ކުދިންގެ އެއްވަނަ ހޯދީވެސް ޣިޔާސުއްދީނެވެ. ޖޫނިއަރ އޭގެ ފިރިހެން ކުދިންގެ 1 ވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. އަދި ޖޫނިއަރ ބީގެ ފިރިހެން ކުދިންގެ ދެވަނަ ސްކޫލުގެ އިތުރުން ޖޫނިއަރ ބީގެ އަންހެން ކުދިންގެ ތިންވަނަ ސްކޫލަކަށްވެސް ޣިޔާސުއްދީން ވަނީ ހޮވިފައެވެ.
މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު ފެތުންތެރިންގެ ގޮތުގައި ހޮވުނީ ޣާޒީ ސްކޫލުގެ އިބްރާހީމް ޔުއާން ޝަމީމާއި، ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ މަރިޔަމް އައިރާ ޝިރުނީލް އާއި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ޒުކައިން ޢަބްދުﷲ ޙަނީފުގެ އިތުރުން ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގެ އަމްނާ ތަޒްކިޔާ މިރުޝާދު އާއި ޣިޔާސުއްދީން ސްކޫލުގެ އިޒްޔާން ނާޒިމް އާއި އަޔާނާ ޢަރީފު އަދި ވީލާ އިންޓަރނޭޝަނަލް ހައިސްކޫލުގެ މުޙައްމަދު ރިހާން ޝިހާމެވެ.
މާލޭގެ 21 ސްކޫލަކުން ތަފާތުގެ ފަސް އުމުރުފުރާއެއްގައި އަދި އެލީޓް އެތުލީޓް ވިތު ޑިސްއެބިލިޓީ ގުރޫޕް ހިމެނޭހެން 480 އަށްވުރެ ގިނަ ދަރިވަރުން ވަނީ މުބާރާތުގައި ވާދަކޮށްފައެވެ.
ރާއްޖޭގައި ތިބި ޚާއްސަ އެހީތެރިކަން ދޭންޖެހޭ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގައި އެލީޓް އެތުލީޓް ވިތު ޑިސްއެބިލިޓީ ގުރޫޕުން އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ހޮވުނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރު މޫސާ ޖައިޝް ސަނާއުﷲ ޝަކީބާއި، ހުރަވީ ސްކޫލުގެ ދަރިވަރު މަރިޔަމް ޒިވާ ޒާހިދެވެ.