ޚަބަރު

ބޫޓާން ބަލިކޮށް ރާއްޖޭގެ ކްރިކެޓް ޓީމު ފައިނަލަށް


ޓީ20 އިންޓަނޭޝަނަލް ކުއަޑްރަންގިއުލާ ސީރީސްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ބޫޓާން ބަލިކޮށް، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ފައިނަލަށް ދަތުރުކޮށްފިއެވެ.

ބޫޓާންގެ ފުރަތަމަ ކްރިކެޓް ދަނޑު ހުޅުވުމުގެ ގޮތުން ބާއްވާ މި މުބާރާތުގައި އެ ގައުމުގެ އިތުރުން ދެން ވާދަކުރަނީ ރާއްޖެ އާއި، އިންޑޮނޭޝިއާ އަދި ތައިލެންޑެވެ. މުބާރާތުގައި މިއަދު ކުޅުނު ސެމީގެ މެޗުން ރާއްޖެ މޮޅުވީ ހަތް ވިކެޓުންނެވެ. މި މެޗުގައި ބޫޓާން އަތުން ރާއްޖެ މޮޅުވިއިރު، ލީގު ބުރުގައި ރާއްޖެ ވަނީ ބޫޓާން އަތުން ހަތަރު ވިކެޓުން ބަލިވެފައެވެ.

މިއަދު ކުޅުނު މެޗުގެ ގުރު ދިމާވުމުން ބޫޓާން އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 122 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ބޯޅައިން 40 ލަނޑު ހެދި ރަންޖުންގް މިކްޔޯ ޑޯޖީއެވެ. މި އިނިންގްސްގައި ރާއްޖޭގެ އިބްރާހީމް ރިޒާން ވަނީ ތިން ވިކެޓް ނަގާފައެވެ.

ޖަވާބުގައި ކުޅެން އަރައި ރާއްޖެއިން ވަނީ 18.1 އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 123 ލަނޑު ހަދައި، މެޗުން މޮޅުވެފައެވެ. ރާއްޖެއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 52 ބޯޅައިން 51 ލަނޑު ހެދި ޓީމުގެ ކެޕްޓަން އަޒްޔާން ފަރުހަތެވެ. އަދި އިސްމާޢީލް އަލީ ވަނީ 20 ބޯޅައިން 30 ލަނޑު އެއްކޮށްފައެވެ.

މި މެޗުން މޮޅުވެ ފައިނަލުގެ ޖާގައެއް ރާއްޖެއިން ހޯދިއިރު، އަންނަ ހުކުރު ދުވަހު ކުޅޭ ފައިނަލުގައި ރާއްޖެ ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ. ތައިލެންޑުން ވަނީ ލީގު ބުރުގެ ފަހު މެޗުގައި 44 ލަނޑުން ރާއްޖެ ބަލިކޮށްފައެވެ.