އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ކްރިސް ވުޑް ކާމިޔާބުކުރި ދެލަނޑާއެކު 1-3 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށް، ތާވަލުގެ ފަސްވަނައަށް ނޮޓިންހަމް ފޮރެސްޓް ޖެހިލައިފިއެވެ.
ފޮރެސްޓުން މި މެޗަށް ނިކުތްއިރު ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ ކޯޗު، ނޫނޯ އެސްޕިރިޓޯ ސަންޓޯ ބެންޗުގައި ނެތެވެ. އަދި އަނިޔާގެ ސަބަބުން ފޮރެސްޓްގެ އެންމެ މުހިއްމު އެއްކުޅުންތެރިޔާ ކަމަށްވާ، މޯގަން ގިބްސް-ވައިޓް ނުކުޅެއެވެ. މީގެއިތުރުން، އެ ޓީމުގެ މެދުތެރޭގައި ކުޅެމުންއަންނަ ޑަނީލޯ އާއި އިބްރާހިމް ސަންގާރޭ ވެސް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެއެވެ.
ކިންގޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 16 ވަނަ މިނެޓުގައި ލެސްޓާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ފޮރެސްޓުން ލީޑްނެގީ ރަޔާން ޔޭޓްސް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ލީގުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.
އޭގެ ހަތް މިނެޓުފަހުން، ލެސްޓާ އަށް އެއްވަރުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް، ޖެމީ ވާޑީ އެވެ. އޭނާ މި ލަނޑުޖެހީ ހެރީ ވިންކްސް ނަގައިދިން ހުރަހެއްގެ އެހީގައެވެ. މިއީ ލެސްޓާ އަށް ވާޑީ ޖަހައިދިން 194 ވަނަ ގޯލެވެ.
ފުރަތަމަ ހާފުގައި ފޮރެސްޓްގެ ލީޑް ފުޅާކޮށްދޭން ނިކޮލަސް ޑޮމިންގޭޒް އާއި ކެލުމް ހަޑްސަން-އޮޑޯއީ ފޮނުވާލި ހަމަލާތައް ލެސްޓާގެ ގޯލްކީޕަރު، މެޑްސް ހާމެންސަން ހުއްޓުވިއެވެ. މި ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނެޓުގެ ތެރޭގައި ފޮރެސްޓުން އަލުން ލީޑްނެގީ ވުޑް ވައްދާލި ލަނޑުންނެވެ. އަދި އޭގެފަހުން، މެޗުގެ 60 ވަނަ މިނެޓުގައި ލެސްޓާގެ ޑިފެންސަށް ހެދުނު ގޯހެއްގެ އެހީގައި ވުޑް ވަނީ ފޮރެސްޓަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. ވުޑް މި ލަނޑުޖެހީ ބޮލުންނެވެ.
މި މެޗުން ހޯދީ މޮޅާއެކު ފޮރެސްޓުން ވަނީ ނުވަ މެޗުން 16 ޕޮއިންޓް ހަމަކޮށްފައެވެ. މިވަގުތު ފަސްވަނައިގައި އޮތް ފޮރެސްޓާ ގަދަ ހަތަރެއްގެ ރޭހުގައި ހިމެނޭ އެސްޓަން ވިލާއާ ދެމެދު އޮތީ އެންމެ ޕޮއިންޓްގެ ފަރަގެކެވެ. ރޭގެ މެޗުން ބަލިވި ލެސްޓާ އޮތީ ނުވަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު 14 ވަނައިގައެވެ.
ލީގުގައި ލެސްޓާ އަށް ދެން އޮތީ އަންނަ ނޮވެންބަރު މަހުގެ ދެވަނަ ދުވަހު ރަށުން ބޭރުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. ހަމައެދުވަހު އަމިއްލަ ދަނޑުގައި ފޮރެސްޓް ނިކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.