ސްޓެލްކޯއަށް މާލޭގެ މަގުތަކުގައި ހަރުކޮށްފައިވާ ލައިޓްތައް ދިއްލާ ނިއްވޭގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މިއީ އެ ކުންފުނިން ސްމާރޓް ވުމާއި ދިމާލަށް ކުރާ ދަތުރުގައި ކުރުމަށް ނިންމާފައިވާ ކަމެއްކަމަށެވެ.
ސަރުކާރަށް 52 ހަފްތާ ވުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އެގޮތުން މަގުމަތީގައި ހުރި ލައިޓްތައް މިހާރު އޮޓޯމެޓިކްކޮށް ނިވި ދިއްލޭތީ ގާތްގަނޑަކަށް 40 އަކަށް މިނެޓް ކޮންމެ ދުވަހަކުވެސް ބޭކާރުވާކަމަށެވެ. މިއީ ވަރަށް ބޮޑު ޚަރަދެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކުންފުނިން މިހާރު މަސައްކަތްކުރަމުންދަނީ ސްޓެލްކޯއަށް އަމިއްލައަށް ލައިޓްތައް ޖައްސާ ނިއްވާލެވޭގޮތަށް ހެދުންކަމަށެވެ.
"ސްމާރޓް މީޓަރ ސިސްޓަމްގެ ތެރެއިން އަޅުގަނޑުމެން ވިސްނާފައި ހުރީ މަގުމަތީގައި މިހުރި ލައިޓްތައް އަޅުގަނޑުމެން އޮންކޮށް އޮފްކޮށް ޖައްސާގޮތައް ހެދުން. ސަބަބަކީ މިހާރު މިއިންނަނީ ޓައިމަރއެއް ލާފައި. އެ އެއްޗެހިތައް ބައިގަޑިއިރު ކުރިން އެބަ ދިއްލޭ. އަހަރު ދުވަހަށް ބަލަންޏާ ވަރަށް ބޮޑު ހޭދައެއް އެކުރެވެނީ. ވަރަށް ބޮޑު ވޭސްޓެއް އެ ކުރެވެނީ. އޭގެ ބަދަލުގައި އަޅުގަނޑުމެން އަމިއްލައަށް ކޮންޓްރޯލްކުރާ ލައިޓްތަކަކަށްވެއްޖިއްޔާ އަޅުގަނޑުމެންނަށް އިނގޭނެ މާލެ އަނދިރި ވީމަވެސް. އަދި އޮޓޮމޭޓްކޮށްފައި ހުއްޓަސް މެނުއަލީ ވެސް ޖެއްސޭނެ އޭރުން." ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، ގޭބީސީތަކުގައި ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަރަށް ޚާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަކަމަށެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންނަށް ސްމާރޓް މީޓަރގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށެވެ.
ހަމައެހެންމެ މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. ސްމާރޓް މީޓަރ ޕްރޮޖެކްޓާއެކު ކަރަންޓް ބިލް ބޮޑުވެގެން ކަސްޓަމަރުންގެ ފަރާތުން އަންނަ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.