އެންމެ ބޮޑު އަމާޒަކީ ކައްދޫ އެއަރޕޯޓަށް ގެންނަ ބަދަލުތަކަކީ ދިގު މުއްދަތަކަށް ފައިދާކުރާނެ ބަދަލުތަކަށް ހެދުންކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވެއްޖެއެވެ.
ހައްދުންމަތީ ކައްދޫ އެއަރޕޯޓް ތަރައްޤީކުރުމަށް މިދިޔަ އޭޕްރީލް މަހު ވަނީ ޗައިނާގެ ސީއޭއެމްސީއީއާ ހަވާލުކޮށްފައެވެ.
ކައްދޫ އެއަރޕޯޓު މަޝްރޫއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ ކައްދޫ އެއަރޕޯޓު މަޝްރޫއުއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި އެއަރޕޯޓުގެ ކުރެހުން ތައްޔާރުކުރިއިރު މައްސަލަތަކެއް ފާހަގަކުރެވުމުން، އެކަންކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫއު އަލުން ޑިޒައިންކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މުބީން ވިދާޅުވިއެވެ.
އެގޮތުން ކައްދޫ އެއަރޕޯޓު ބޮޑުކުރާއިރު އެ ސަރަޙައްދުގައި ހުރި އެމްއެންޑީއެފްގެ މައި އިމާރާތަކަށް އެއަޕޯޓުން ބައެއް އަރާކަމަށާއި ސަރުކާރުގެ މި މަޝްރޫޢު ކުރިއަށްގެންދާނެ އިތުރު ގޮތްތައް ހޯދަމުންދާ ކަމަށް މުބީން ވިދާޅުވިއެވެ. އަދި އެކަން ކުރިއަށްގެންދިޔުމަށްޓަކައި އެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެނީ ދިގު މުއްދަތަކަށް ފައިދާ ކުރޭނެ ބަދަލުތަކެއް އެއަރޕޯޓަށް ގެނައުމަށްކަމަށްވެސް މުބީން ވިދާޅުވިއެވެ.
"ރަންވޭއާއި އަލަށް ހަދާ ފަސިންޖަރ ޓާމިނަލްގެ ބިލްޑިން ހިމެނޭހެން މަސައްކަތްތައް ކުރާއިރު އެމްއެންޑީއެފްއިން ބޭނުންކުރާ މައި އިމާރާތުގެ ބައެއް އެބައަރާ. އެހެން ނުވާނެ ގޮތަކަށް މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ. ތިން ހަތަރު ޑިޒައިނެއް އެބަ ކުރިއަށްގެންދެވޭ. މިކަން ކުރާއިރު އެންމެ ބޮޑު އިސްކަމަކީ ރަނގަޅު ގޮތުގައި ކުރިއަށްގެންދިޔުން. ދިގު މުއްދަތަކަށްވެސް މީގެ ފައިދާ ކުރާނެ ގޮތަކަށް ތަރުތީބު ކުރުން ވިސްނުމަކީ." ރީޖަނަލް އެއަރޕޯޓްސް މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ އެއަރޕޯޓް މަޝްރޫޢުއާއެކު އެ ސަރަޙައްދުގައި ވިޔަފާރީގެ ގޮތުން ކުރެވިދާނެ ކަންތައްތައް ބަލަމުން އަންނަކަމަށެވެ. އަދި އެކަންކަން ދެނެގަތުމަށްފަހު އިކޮނަމިކް ކައުސިލަށް ހުށައަޅާނެކަމަށްވެސް މުބީން ވިދާޅުވިއެވެ. މުބީން ވިދާޅުވީ އަމާޒަކީ ކައްދޫ އެއަރޕޯޓަކީ މަންފާ ލިބޭނެ އެއަޕޯޓަކަށް ހެދުންކަމަށެވެ. އަދި އެއަރޕޯޓް ތަރައްޤީވެގެންދިޔުމުން، އެ ސަރަޙައްދުގެ ފަތުރުވެރިކަމަށް 5،000 އެނދު އިތުރުވެގެން ދާނެކަމަށް މުބީން ވިދާޅުވިއެވެ.
ކައްދޫ އެއަރޕޯޓު އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މިއީ ރާއްޖޭގައި ތަރައްޤީކުރި ފުރަތަމަ ޑޮމެސްޓިކް އެއަރޕޯޓެވެ. އެ އެއަރޕޯޓް ތަރައްޤީކޮށް ހުޅުވާފައިވަނީ 6 ޑިސެމްބަރު 1986 ވަނަ އަހަރުއެވެ. ނަމަވެސް ފާއިތުވި ދިގު މާޒީގައި އެ އެއަރޕޯޓަށް ތަރައްޤީ އައިސްފައި ނުވުމަކީ ހައްދުންމަތީގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.