ޚަބަރު

ޤުރުއާން ހިތުދަސްކުރާ މީހުންގެ ދަސްވެނިވުން ކޮންމެ ރަމަޟާން މަހެއްގެ 27 ވިލޭރޭ


  • ޤުރުއާން ހިތު ދަސްކުރާ ފަރާތްތައް ދަސްވެނިވުމަށް ކޮންމެ އަހަރަކު ޚާއްޞަ ޙަފްލާއެއް ބާއްވަން ވަނީ ނިންމާފައި

  • ދަސްވެނިވުމަށް ޚާއްސަ ޤައުނެއް ތައްޔާރުކުރާނެކަމަށްވެސް ވަޒީރު ވިދާޅުވި

ކީރިތި ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ސަނަދު ދިނުމަށް ބައްވާ ޚާއްސަ ހަފްލާ ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ބާއްވާގޮތަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޤުރުއާން ހިތު ދަސްކުރާ ފަރާތްތައް ދަސްވެނިވުމަށް ކޮންމެ އަހަރަކު ޚާއްޞަ ޙަފްލާއެއް ބާއްވައެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މިޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މި ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހުގެ 27 ވިލޭރޭގައިކަމަށެވެ. ދަސްވެނިވުމަށް ޚާއްސަ ޤައުނެއް ތައްޔާރުކުރާނެކަމަށާއި ފުރަތަމަ ޙަފްލާ މި އަންނަ ރަމަޟާން މަހުގެ 27 ވިލޭރޭ އޮންނާނެކަމަށްވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ޙާފިޡުންގެ އަގުވަޒަންކުރުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑައްޔާއި ހަނދާނީ ލިިޔުމާއި އިނާމު ދެއްވައެވެ. އެގޮތުން، އޮކްޓޯބަރ 2022 އިން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ޤުރުއާން ހިތުދަސްކޮށްގެން ސަނަދު ހާސިލުކުރި 28 ޙާފިޡުންނަށް މިއަހަރު ވަނީ މެޑައްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވާފައެވެ.

ވަޒީރު ޝަހީމް ވިދާޅުވީ މިހާރުވެސް 3 މީހަކު ޤުރުއާން ހިތުދަސްކުރުމަށްފަހު އިމްތިހާން ހަދަމުންދާ ކަމަށާއި 2 މީހަކު އިމްތިހާނު ހެދުމަށް އެދިފައިވާ ކަމަށެވެ. އަދި ފަސް އަހަރުގެ ކުއްޖަކުވެސް ޤުރުއާން ހިތުދަސްކުރުމަށްފަހު މުރާޖަޢާ ކުރުމަށް އެދިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއްވެސް މިއަހަރު އިފްތިތާޙުކުރައްވާފައެވެ.

ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލްގެ ނަމުގައި ޚާއްސަ މެޑަލްއެއް 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ދެމުންނެވެ.

މިގޮތުން އެންމެ ފުރަތަމަ މި މެޑަލް ދެއްވާފައިވަނީ 2014 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. އޭރު އެ މެޑަލް ހާސިލްކުރީ 3 ޙާފިޒެކެވެ. އޭގެފަހުން ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް ޚާއްސަ މެޑަލް ދެއްވަމުން ގެންދެވިއެވެ.

ނަމަވެސް 2020 ވަނަ އަހަރު މެޑަލް ދިނުމުގެ އޫޞުލަށް ބަދަލުގެންނަވާ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ ތެރެއިން %85 މާކްސް ލިބިގެން 1 ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މެޑަލް ދެއްވުމަށް ނިންމެވިއެވެ. އަދި 2 ވަނަ އަދި 3 ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި އެ މެޑަލް ދިނުމަށް ނިންމެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިއަހަރުން ފެށިގެން ދަރަޖަ ތަފާތުކުރުމެއް ނެތި ހުރިހާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވުމަށެވެ. މީގެއިތުރުން ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފައްދަން ސަރުކާރުން ޚާއްޞަ ހޭދައެއްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.