އިން ހައުސް ސޯލަރ ޕްރޮގްރާމްއާއެކު އަހަރަކު 19.9 މިލިޔަން ރުފިޔާގެ ޑީސަލް ސަލާމަތް ކުރެވޭނެކަމަށް ފެނަކަ ކޯޕަރޭޝަންއިން ވިދާޅުވެއްޖެއެވެ.
ފެކައިން ވިދާޅުވީ ކުންފުނީފައި ހުރި މާލީ ގޮންޖެހުންތަކާއެކުވެސް ޚިދުމަތްތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި އައު ރަށްރަށުގައި ޚިދުމަތް ފެށުންފަދަ މުހިންމު ކަންކަން ކުރެވިފައިވާކަމަށެވެ. ޚާއްސަކޮށް އިޔާދަކުރަނިވި ހަކަތަ އިތުރު ކުރުމަށް މުހިންމު މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
ފެނަކައިން ވިދާޅުވީ، އެ ކުންފުނިން މި އަހަރު ހިންގި ސޯލަރ މަޝްރޫޢުތަކުގެ ދަށުން މި އަހަރުގެ އެކަނިވެސް 2298 ކިލޯވޯޓުގެ ސޯލާ ހަރުކޮށްފައިވާކަމަށެވެ. އަދި 7005 ކިލޯވޯޓުގެ ބެޓްރީ ކެޕޭސިޓީ އިތުރު ކުރެވިފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ. އެ ކުންފުނިން ވިދާޅުވީ ފެނަކައިގެ ހުރިހާ އޮފީސްތަކާއި އިންޖީނުގެތަކުގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ފެށި އިން ހައުސް ސޯލާ ޕްރޮގްރާމަކީ މި އަހަރު ހިނގުނު އަދި މިހާރުވެސް ކުރިއަށްދާ މުހިންމު ޕްރޮގްރާމެއްކަމަށެވެ.
މި ޕްރޮގްރާމްގެ ސަބަބުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް ފެނަކައިން ވިދާޅުވެއެވެ. އެ ކުންފުނިން ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން މުޅި ޖުމްލަ 5.2 ވެގަވޯޓްގެ ސޯލާ ހަރަދުކުރެވޭނެކަމަށާއި، މި މަޝްރޫޢުގެ ޖުމްލަ އަގަކީ 92 މިލިޔަން ރުފިޔާކަމަށެވެ.
އަދި މި މަޝްރޫއުގެ ދަށުން އަހަރަކު 2.6 މިލިޔަން ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެކަމަށް ލަފާކުރާއިރު އެއީ އަހަރަކު 19.9 މިލިޔަން ރުފިޔާގެ ޑީސަލްކަމަށް ފެނަކައިން ވިދާޅުވެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 18 އަދި 30 ކިލޯވޯޓުގެ ގްރިޑް ޓައިޑް ސޯލާ ހަރުކޮށް، 12 ރަށެއްގެ ފެނަކަ އޮފީހުގެ ފުރާޅުގައި ސޯލާ ހަރުކޮށް މި އަހަރު ނިންމާލަފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، އެ ކުންފުނިން ޚިދުމަތްދޭ ގޭބީސީތަކަށް ޚާއްސަކޮށްގެން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށްގެންދާ މަގޭ ސޯލަރ މަޝްރޫޢުގެ ތެރެއިން ޖުމްލަ 3 މެގަވޯޓުގެ ސޯލަރޕީވީ ގޭބީސީތަކަށް ފޯރުކޮށްދެވޭނެކަމަށެވެ.
މަގޭ ސޯލަރ ޕްރޮގްރާމް ފަށާފައިވަނީ އާންމު ރައްޔިތުން ކަރަންޓަށްކުރާ ހޭދަ ކުޑަކުރުމާއި ރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކުރުމަށެވެ. މި ޕްރޮގްރާމަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް ހިންގާ މުހިންމު މަޝްރޫޢެކެވެ.