ޚަބަރު

ބާސެލޯނާގެ ހާސްކަން ފިލުވައިދެނީ އަރަބިން


ކުޅުންތެރިން ރަޖިސްޓަރީ ނުކުރެވިގެން ކަރުތާފެނުގައި އޮތް ސްޕެއިނުގެ ބާސެލޯނާގެ ހާސްކަން ފިލުވައިދޭން އަރަބިން އެހީތެރިވާން ނިންމައިފިއެވެ.

ސްޕޭނުގެ އެންމެ ވަރުގަދަ އެއް ކުލަބު ބާސެލޯނާ ހާސްވެގެން އުޅެނީ އެ ކުލަބުގެ މުހިންމު ދެ ކުޅުންތެރިން ރަޖިސްޓަރީ ނުކުރެވިއްޖެނަމަ ދޫކޮށްލަން ޖެހޭ މުއްދަތު ކުޑަތަންވަމުންދާތީ އެވެ. އެއީ އެޓޭކިން މިޑްފީލްޑަރު ޑެނީ އޮލްމޯ އާއި ބީ ޓީމުގެ ޒުވާން ފޯވަޑް ޕައު ވިކްޓަރ އެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން އޮލްމޯ އަކީ ނިމިދިޔަ ޔޫރޯގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އަދި ބާސެލޯނާއިން މިފަހަރުގެ ސީޒަނަށް ގަތް އަގުބޮޑު ކުޅުންތެރިޔާ އެވެ. ޖަރުމަނުގެ ލައިޕްޒިގަށް އޭނާ ގަތުމަށް 60 މިލިއަން ޔޫރޯ ހޭދަކުރަން ޖެހުނެވެ. ކަންތައް ބޮޑުވެގެން އުޅެނީ ވެސް އޭނާ ރަޖިސްޓަރ ނުކުރެވިގެންނެވެ.

ސުވާލަކީ މިވީ ހައެއްކަ މަސް ދުވަހު އޮލްމޯ ބާސެލޯނާ އަށް ކުޅުނީ ކިހިނެތް ހެއްޔެވެ؟ މާލީ މައްސަލަގަނޑެއްގެ ތެރޭގައި އޮތް ކުލަބަށް އޭނާ ކުޅެމުންދިޔައީ ސްޕެނިޝް ލީގުން ދީފައިވާ ވަގުތީ ހުއްދައެއްގެ ދަށުންނެވެ. އެއީ އަންގާރަ ދުވަހުގެ ކުރިން ސީޒަނުގެ ފަހު ބަޔަށް ދާއިމީކޮށް އޭނާ ރަޖިސްޓަރީކުރަންޖެހޭނެ ކަމަށް ޝަރުތުކޮށްފައި ދިން ހުއްދައެކެވެ.

ސްޕެނިޝް ލީގުގެ މާލީ ގަވާއިދު ބުނާގޮތުން ކުލަބަކަށް ލިބޭ އާމްދަނީއަށްވުރެ އިތުރަށް ހޭދައެއް ނުކުރެވޭނެ އެވެ. އެފަދަ ކަމެއް ކުރެވޭނީ ވެސް ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ހިސާބުތައް ބެލެންސްކުރާގޮތަށެވެ. މާލީ ގޮތުން ކުލަބެއް އަޑިއަޅާލަން ފަށައިފިނަމަ އެކަމެއްގެ ކުޑަކުޑަބޮޑުމިނަށް ބަލައި އަބަދުވެސް ދަނީ ދުރާލައި އެކުލަބަކަށް މާލީ ގޮތުން ފިއްތުންތައް ކުރިމަތިކުރަމުންނެވެ. ބާސެލޯނާ އަށް ދިމާވެގެން އުޅެނީ ވެސް މިފަދަ މައްސަލައެކެވެ. ލިބޭ އާމްދަނީއަށްވުރެ ހޭދަ ބޮޑުވުމެވެ. މިހެންވެ މާލީ ގޮތުން އަރަނި ވަންދެން ކުޅުންތެރިން ގަތުމުގައި އެކުލަބާމެދު ހަރުކަށިވާން ވަނީ އެވެ.

ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ މިހާތަނަށް ނިންމައިގެން ހުރީ އެކުލަބުގެ ކިޓް ސްޕޮންސަރު ނައިކީއާއެކު ކުރިއަށް އޮތް 10 އަހަރަށް ހެދި ދުނިޔޭގެ އެންމެ އަގުބޮޑު ޖާޒީ ސްޕޮންސާޝިޕް އެގްރީމަންޓާއެކު މިހަރުކަށިކަން ފިލައިދާނެ ކަމަށެވެ. އެއްވެސް ކުޅުންތެރިއެއްގެ ރަޖިސްޓްރޭޝަނާމެދު ދެން މައްސަލައެއް ނޯންނާނެ ކަމަށެވެ. ނައިކީއާއެކު ބާސެލޯނާއިން ވެފައިވަނީ 1.2 ބިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުމެކެވެ. މިއާއެކު ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓުގައި ބޭނުން ކުޅުންތެރިއަކު ބޭނުން އަގެއްގައި ގަތުމަށް ވެސް ހުރަހެއް ނެތް ކަމަށް ލަޕޯޓާ ހުރީ ނިންމައިގެންނެވެ. އެއީ ސްޕެނިޝް ލީގުން ވެސް ކުރިން އެކަމަށް ފެހި ސިގްނަލް ދީފައި އޮތުމުންނެވެ.

އެކަމަކު ކަންކަން މިއާ ދިމާއިދިކޮޅަށް ފުރޮޅިގަތީ ވާދަވެރިންގެ ފިއްތުންތަކާހުރެ އެވެ. ބާސެލޯނާގެ އެންމެ ބޮޑު ވާދަވެރިއަކީ ސްޕޭނުގެ ވެރިރަށް މެޑްރިޑަށް ނިސްބަތްވާ ރެއާލް މެޑްރިޑެވެ. އެކަމަކު ރެއާލް ބާއްވާފައި މިފަހަރު ދެކޮޅަށް ތެދުވީ މެޑްރިޑަށް ނިސްބަތްވާ އެތްލެޓިކޯ މެޑްރިޑާއި އެތްލެޓިކް ބިލްބާއޯ އެވެ. މި ދެ ބައި މީހުން މައްސަލަ ޖެއްސީ ނައިކީ އެއްބަސްވުމަކީ ބާސެލޯނާގެ މާލީ ހާލަތު މުޅިން ހަމަޖެހި ހިސާބުތައް އަރަނިވާނެ އަދަދެއްނުވާނެ ކަމަށެވެ. ފަހަރުގައި މިކަމުގެ ފަހަތުގައި އޮތީ ރެއާލް ކަމަށްވުން ވެސް އެކަށީގެންވެ އެވެ. އެކަމަކު އެފަދަ އެއްވެސް ހިލަމެއް މިހާތަނަށް ނެތެވެ.

ލަޕޯޓާ ގޮތް ހުސްވީ ވަގުތު ކުޑަތަންވެފައިވަނިކޮށް އޮލްމޯ ރަޖިސްޓާ ނުކުރެވޭނެ ކަމަށް ސްޕެނިޝް ލީގުން ބުނުމުންނެވެ. މިއާއެކު މަޝްހޫރު ގާނޫނީ ވަކީލު މި މައްސަލަ އަށް ކޯޓުން ފަރުވާ ހޯދުމަށް ނިންމި އެވެ. އެކަމަކު ވިޔަފާރީގެ މުއާމަލާތްތަކާ ބެހޭ ކޯޓުން ވެސް ބާސެލޯނާ އަށް ނާކާމިޔާބުވީ އެވެ.
މިހެންވެ މިދިޔަ ހަފުތާއެއްހާ ދުވަހު ލަޕޯޓާ އާއި އޭނާގެ ބޯޑު މެމްބަރުން އަވަދިނެތި އުޅުނީ އޮލްމޯ ރަޖިސްޓާކޮށް، ސްޕެނިޝް ލީގުގެ ވަން، ވަން ރޫލް (ބޭނުން ކޮންމެ މުއާމަލާތެއް ކުރެވޭނެ ހާލަތު) ރުޖޫއަވެވޭނެ ގޮތެއް ހޯދުމަށެވެ.

ފިނިމޫސުމުގެ ޗުއްޓީ އަށް އޮލްމޯ އެމެރިކާގައި މިލްވައުކީ އަށް ފުރުމުގެ ކުރިން ލަޕޯޓާ ކުޅުންތެރިޔާ އަށްދިން ޔަގީންކަމަކީ ބާސެލޯނާއިން ދާން ނުޖެހޭނެ ކަމަށެވެ. އެކަމަކު އޮލްމޯގެ އެޖެންޓް ދިޔައީ ބާސެލޯނާ އަށް ރަޖިސްޓްރޭޝަން ނިންްމާނުލެވިއްޖެނަމަ ހިލޭ ޓްރާންސްފާއެއްގައި ބޭނުން ކުލަބަކަށް ދެވޭނެތީވެ އެކަމަށް ތައްޔާރުވަމުންނެވެ. އިނގިރޭސިވިލާތުގެ މެންޗެސްޓާ އަކީ އޮލްމޯގެ އެޖެންޓް ޗުއްޓީ ހޭދަކުރާ ތަން ކަމަށް ނިންމީ ވެސް ޔުނައިޓެޑް ނުވަތަ ސިޓީއާއެކު ވާހަކަ ދައްކަން ޖެހިއްޖެނަމަ ތައްޔާރުވެގެން ހުރުމަށެވެ.

މި މައްސަލަ ހައްލުކުރަން ބާސެލޯނާގެ ކުރިމަތީގައި އޮތީ ދެ ގޮތެކެވެ. ބިނާކުރަމުންދާ އައު ނޯ ކޭމްޕްގެ ވީވީއައިޕީ ބޮކްސްތައް ކުރިއާލައި ވިއްކާލައިގެން ފައިސާ ހޯދުމެވެ. ނުވަތަ ބޯޑު މެމްބަރުން އަމިއްލަ ޖީބުން ފައިސާ ދީގެން ކުލަބުގެ މާލީ ކަންކަން ހައްލުކުރެވޭނެ ކަމުގެ ގެރެންޓީއެއް ސްޕެނިޝް ލީގަށް ދިނުމެވެ. މީގެ ތެރެއިން ވީވީއައިޕީ ބޮކްސްތައް އެޑްވާންސްކޮށް ވިއްކާލައިގެން 100 މިލިއަން ޔޫރޯގެ ނަފާ ހޯދައިދީގެން ބާސެލޯނާ ސަލާމަތްކޮށްދިނުމަށް އެހީތެރިވާން ނިންމީ ލަޕޯޓާގެ އެކުވެރި އަރަބި މަހުޖަނުންނެވެ. އޭނާ އަކީ ސައުދީ އަރަބިއާ، ގަތަރު އަދި ދުބާއީގެ މަހުޖަނުންނާ ގާތް މީހެކެވެ. މި މުއާމަލާތަށް މިހާރު މަދުވަނީ ވެސް ލަޕޯޓާގެ ސޮއި އެކަންޏެވެ.