ޚަބަރު

އިންޓަރ ސްކޫލް މުބާރާތުން ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެން ހިނގައްޖެ: މުޖުތަބާ


މިދިޔަ އަހަރުގެ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުން ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ފެނނިގެން ހިނގައްޖެ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ ވިދާޅުވެއްޖެއެވެ. މުޖުތަބާ މިހެން ވިދާޅުވީ ޕީއެސްއެމް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

މުޖުތަބާ ވިދާޅުވީ މި ފަހަރު ފެނުނު ހުނަރުވެރި ކުޅުންތެރިންނާއެކު ހޭންޑްބޯޅައިގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އަދި އާންމުކޮށް ބާއްވަމުންދިޔައީ ލ. އަތޮޅު އިންޓަރ ސްކޫލާއި، މާލޭ ސްކޫލްތަކުގެ މުބާރާތްކަން ފާހަގަކުރައްވަމުން މުޖުތަބާ ވިދާޅުވީ ލ. އަތޮޅުގައި ބޭއްވި މުބާރާތުގައި 12 ރަށަކުން ބައިވެރިވި ކަމަށެވެ. އަދި އެންމެ ފަހުން ލ. އަތޮޅުން ފާހަގަކުރެވުނު ދެ ކުޅުންތެރިން މި ފަހަރުގެ މުބާރާތުންވެސް ފާހަގަކުރެވިގެންދިޔަ ކަމަށާއި، އެހެން ފާހަގަކުރެވޭ ކުޅުންތެރިންނަށް ގައުމީ ފެންވަރުގައި ކުޅުމުގެ ފުރުސަތު ބޮޑު ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

"ސްކޫލުތަކުގެ ކޯޗުން ނަން ދޭ ކުދިންނާއި، އަޅުގަނޑުމެންގެ ނެޝަނަލް ކޯޗުން ޓީމު އެކުލަވާލައިގެން ޕޮޒިޝަންތަކަށް ކުދިން ނެގުމާއި، ޓީމެއް ނަގާއިރު ބައެއް ޕޮޒިޝަންތަކަށް ކުޅޭ ކުދިން ހަމަ ކަޓާފާނެ. އެ ޕޮޒިޝަނަކަށް އެންމެ މޮޅު ކުޅުންތެރިން ހޮވާއިރު ރަށަކުން އަންނަ ކުއްޖަކު ނުހޮވިވެސް ދާނެ." މުޖުތަބާ ވިދާޅުވިއެވެ.

ހޭންޑްބޯޅައިގެ އިންޓަރ ސްކޫލް މުބާރާތް މިދިޔަ އަހަރުވެސް ފޯރީގައި ކުރިއަށްދިޔައިރު، އެ މުބާރާތް އިތުރަށް ފުޅާކުރުމަށް ހޭންޑްބޯލް މޯލްޑިވްސްއިން ވަނީ މި އަހަރުގެ އިންޓަރ ސްކޫލް މުބާރާތް ހަތަރު ސަރަހައްދަކަށް ބަހާލައިގެން ބޭއްވުމަށް ނިންމާފައެވެ. އެގޮތުން މުޖުތަބާ ވިދާޅުވީ މި އަހަރު މުބާރާތް ބާއްވާއިރު މާލޭ ސަރަހައްދު އެއީ ވަކި ބައެއް ގޮތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ސެންޓްރަލް އޭރިއާގައި ވަކިން އިންޓަރ ސްކޫލް މުބާރާތް ކުރިއަށްގެންދާއިރު، އުތުރާއި ދެކުނުގެ ސަރަހައްދަށްވެސް ވަކިން މުބާރާތް ބޭއްވިގެންދާނެ ކަމަށް މުޖުތަބާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން ބޭއްވި އިންޓަރ ސްކޫލް މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީނާއި ގުރައިދޫ ސްކޫލުން ހޯދިއިރު، 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަޙްމަދިއްޔާ އާއި އއ. އަތޮލޫ ތައުލީމީ މަރުކަޒުންނެވެ.