ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ޚިދުމަތްދެމުން އަންނަ ސިޓީތަކާއި ރަށްރަށުގެ ކުނި އުކާލާ އަމިއްލަ އުޅަނދުތަކުން ނަގާ ގޭޓް ފީ ކުޑަކޮށްފިއެވެ.
ވެމްކޯއިން ވިދާޅުވީ އެ ކުންފުނިން ޚިދުމަތް ދެމުންދާ ސިޓީތަކާއި ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ކުނި އުކާލާ ފަރާތްތަކުން ނަގާ ގޭޓުފީއަށް މިއަދުން ފެށިގެން މުހިންމު ބަދަލެއް ގެނެސްފައިވާކަމަށެވެ.
އެގޮތުން، އަމިއްލަ ފަރާތްތަކުން ގޭޓުފީގެގޮތުގައި ނެގުމަށް ހަމަޖެހިފައިވާ އަގުކުޑަކޮށްފައިވާކަމަށް ވެމްކޯއިން ވިދާޅުވިއެވެ. އެގޮތުން މިއަދުން ފެށިގެން ކުނި އުފުލާ އުޅަނދުގެ ރަޖިސްޓަރީކުރެވިފައިވާ ބަރުދަނަށް ބަލައި، ޓަނަކަށް 212 ރުފިޔާއިން ޓަނަކަށް 106 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
ގޭޓް ފީ ކުޑަކޮށްފައިވާިއރު ވެމްކޯއިން ޚިދުމަތްދެމުންއަންނަ ރަށްރަށުގެ ގޭބިސީތަކުގެ ކުނި ބިލް، މިމަހުން ފެށިގެން ކަރަންޓު ބިލުގައި ހިމަނައިގެން އަގުނެގުމަށް ވަނީ ނިންމާފައެވެ.
ވެމްކޯއިން މިހާރު އަންނަނީ މާލެ ސަރަޙައްދުގެ އިތުރުން ސިޓީތަކާއި ލ. ފޮނަދޫއާއި ކ. މާފުށްޓާއި ހިންމަފުށީގައިވެސް މި ޚިދުމަތް ވަނީ ފަށާފައެވެ. އެ ހުރިހާ ރަށެއްގައިވެސް މިހާތަނަށް ޚިދުމަތް ދެމުންއައީ އެއްވެސް އަގެއް ނުނަގައެވެ. ނަމަވެސް މިމަހުން ފެށިގެން ވެމްކޯއިން ޚިދުމަތް ދެމުން އަންނަ ސަރަޙައްދުތަކުގައި އަގު ނަގަން ވަނީ ނިންމާފައެވެ.
ވެމްކޯއިން ކުނީގެ ޚިދުމަތްދޭ އަގުތަކަށް ބަލާއިރު ކޮންމެ ގޭބިސީއަކަށް އަގު ކުރަނީ 150 ރުފިޔާއެވެ. އަދި ވިޔަފާރީތަކަށް ނަގަނީ ކޮންމެ ދުވަހަކަށް ލިޓަރަކަށް 20 ލާރިއެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ ކުނި އުފައްދާ މަޞްދަރުން ފެށިގެން، ކުނި މެނޭޖްކުރާ ސަރަހައްދީ މަރުކަޒުގައި ކުނި ނައްތާލުމާ ހަމައަށް ވަށާޖެހޭ އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި މެނޭޖްކުރުމުގެ ގޮތުން ޤައުމީ ޕްލޭނެއް ވަނީ އިފްތިތާހްކޮށްފައެވެ. މި ޕްލޭންގެ ދަށުން ކުނި މެނޭޖްކުރުމުގެ ހާލަތު ވަޒަންކޮށް ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އާންމުން ހޭލުންތެރިކުރުން ހިމެނެއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ވެމްކޯއިން ދެމުން އަންނައިރު އެ ކުންފުނިން މިހާރު އަންނަނީ ރިސޯޓުތަކުންވެސް ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.