ޚަބަރު

ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން އެޗްޑީސީއަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ގައުމީ ވޮލީބޯލް ލީގު 2024 ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުލަބު އެޗްޑީސީން ހޯދައިފިއެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ލީގުގެ ފަހު މެޗުގައި، މިދިޔަ އަހަރުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު ބަލިކުރުމަށްފަހުއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ގައުމީ ވޮލީ ލީގުގެ ފަހު މެޗު އެޗްޑީސީން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި ތިން ސެޓު އެއް ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-21 އިން ކާމިޔާބުކޮށްފައިވަނީ ސިފައިންގެ ކުލަބުންނެވެ. އެކަމަކު އެޗްޑީސީން ވަނީ ކުޅުން ރަނގަޅުކޮށް، އަނެއް ތިން ސެޓު ގެންގޮސްފައެވެ. މި ސެޓުތައް އެޗްޑީސީން ކާމިޔާބުކޮށްފައިވަނީ 25-19، 25-21 އަދި 25-14 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އެޗްޑީސީގެ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

މި މޮޅާއެކު އެޗްޑީސީން މި ފަހަރުގެ ގައުމީ ލީގު ކާމިޔާބުކޮށްފައިވަނީ ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ. އެގޮތުން ކުޅުނު ހަތަރު މެޗުން އެ ޓީމަށް ވަނީ 12 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި ނިންމި ސިފައިންގެ ކުލަބަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ސްޕޯޓްސް ކުލަބު ސިޓީއަށް ލިބުނީ ފަސް ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް ބްލޫސް ފޯރ ވޮލީބޯލް އާއި ފުލުގައި އޮތް ޕޮލިސް ކުލަބަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. މި އާއެކު ޕޮލިސް ކުލަބަށް ވަނީ އަންނަ އާދީއްތަ ދުވަހު ފަށާ ގައުމީ މުބާރާތުން ފުރުސަތު ގެއްލިފައެވެ. އެ މުބާރާތުގައި ވާދަކުރާނީ ލީގުގެ ގަދަ ހަތަރު ޓީމެވެ.

މި ފަހަރުގެ ގައުމީ ލީގުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކީ ސިފައިންގެ ކުލަބުގެ އާދަމް ނަސީމް (އެޑަމް) އެވެ. އަދި އެންމެ މޮޅު މިޑްލް ބްލޮކަރުންނަކީ އެޗްޑީސީގެ މުޙައްމަދު އަހުސަން އާއި، އެ ޓީމުގެ އާދަމް ފައިރޫޒެވެ. ލީގުގެ އެންމެ މޮޅު ސެޓަރުގެ މަގާމު އެޗްޑީސީގެ އަލީ ނިމާލް ހޯދިއިރު، އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިއަކީ ސިފައިންގެ ކުލަބުގެ ހުސައިން ރަޒާންއެވެ. އަދި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ އޭނާއެވެ.

ލީގުގެ އެންމެ މޮޅު ލިބަރޯގެ މަގާމު ސިފައިންގެ ކުލަބުގެ މުޙައްމަދު މިމްރާހް ހަސަން ހޯދިއިރު، އެންމެ އުންމީދީ ކުޅުންތެރިޔަކީ ބްލޫސް ފޯރ ވޮލީބޯލްގެ ޔައީޝް ރިއްފަތު ހަމީދެވެ. އަދި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު އެޗްޑީސީއަށް ކުޅެމުން އަންނަ ޕާކިސްތާނުގެ މުބައްޝަރް ރަޒާ ހޯދިއިރު، އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ ހުސައިން ޝަރީފެވެ.

މި ފަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން އެޗްޑީސީން ހޯދިއިރު، އެ ޓީމުން ވަނީ މިދިޔަ ނޮވެމްބަރު މަހުގައި ބޭއްވި ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.