ހިނގަމުންދާ ސީޒަނަށްފަހު ލިވަޕޫލުން ނުފެންނާނެ ކަމަށް މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު ބުނެފިއެވެ.
"ސްކައި ސްޕޯޓްސް" އަށް ދިން ޚާއްސަ އިންޓަވިއުގައި އުމުރުން މިހާރު 32 އަހަރުގެ މިސްރުގެ ފޯވާޑުގެ ގާތުގައި ތަކުރާރުކޮށް އެހުމުންވެސް އޭނާ ބުނީ ފާއިތުވެދިޔަ އަށް އަހަރު އޭނާ ކުޅުނު ކުލަބު ދޫކޮށްލަން މިހާރު ނިންމާފައިވާ ކަމަށެވެ.
"އާނ. މިހާރު މިއީ އަހަރެންގެ އެންމެ ފަހު ސީޒަން ލިވަޕޫލްގައި. ކޮންޓްރެކްޓް އައުކުރުމާ ބެހޭ ގޮތުން އެއްވެސް ކުރިއެރުމެއް މިހާތަނަށް ނުލިބުނު. އަހަރެން އުއްމީދުކުރަނީ ރަނގަޅު ސީޒަނަކާއެކު ލިވަޕޫލްގެ ފަހު އަހަރު ނިންމާލަން. މި ކުލަބާއި މި ސިޓީއަށް ޚާއްސަ ކާމިޔާބީއެއް ހޯދާދީފައި ދާން ބޭނުންވަނީ.މުޙައްމަދު ސަލާހު
ލިވަޕޫލް ދޫކޮށްލައި ދެން ދާނެ ކުލަބެއް ސަލާހު ބުނެފައެއް ނުވެއެވެ. ނަމަވެސް މިހާރު އޭނާ ގުނަމުންދަނީ އެއްބަސްވުމުގެ އެންމެ ފަހު ހަ މަސް ދުވަސްކަމުން، ސަލާހަށް މިހާރު އޭނާ ބޭނުން ކުލަބަކާ ވާހަކަ ދެއްކޭނެއެވެ. އޭނާ ލައްވައި ކުޅުވަން ފްރާންސްގެ ޕީއެސްޖީ އާއި ސްޕެއިނުގެ ބާސެލޯނާ ޝައުގުވެރިވެއެވެ.
ސަލާހު ބުނީ ލިވަަޕޫލްގައި އޭނާ އެންމެ ބޭނުންވީ ކޮންމެ ސީޒަނެއްގައިވެސް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ކަމަށެވެ. އެކަން 2020 ވަނަ އަހަރު ހާސިލުވި ނަމަވެސް މިހާރު އެންމެ ބޭނުންވަނީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރަން ކަަމަށާއި، އޭގެ އެއް ސަބަބަކީ މިދިޔަ ސީޒަނުގައި ލީޑު ލިބިފައި އޮއްވައި ލިވަޕޫލް އަތުން ތަށި ގެއްލުމުން ކަމަށެވެ.
"އަނެއް ކަމަކީ އަހަރުމެންނަށް 30 އަހަރު ފަހުން ލީގު ލިބުނީ (ކޮވިޑް) ޕެންޑަމިކް ތެރޭގައި. އޭގެ ސަބަބުން އަހަރުމެންނަށް އެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރަން ފުރުސަތެއް ނުލިބުނު. އެހެންވީމާ އަލުން އެ ތަށި ހޯދައި ވަރަށް ބޮޑަށް ސަޕޯޓަރުންނާއެކު އުފާފާޅުކުރަން އަހަރުމެން ބޭނުން.މުޙައްމަދު ސަލާހު
ސަލާހު ވަނީ ލިވަޕޫލަށް މިހާތަނަށް 375 ލަނޑު ޖަހައިދީފައެވެ. އޭނާ އަކީ ކުލަބުގެ ތާރީޚުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.
ސަލާހު ލިވަޕޫލް ދޫކޮށްލަން ނިންމިއިރު ފާއިތުވެދިޔަ އަށެއްކަ އަހަރު އޭނާއާ ކުޅުނު މިހާރުގެ ކެޕްޓަން ވާޖިލް ވެން ޑައިކާއި، ވައިސް ކެޕްޓަން ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑުގެ އެއްބަސްވުންވެސް މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. މީގެ ތެރެއިން އާނޯލްޑް ގަތުމަށް ރެއާލް މެޑްރިޑުން ދަނީ ވާހަކަ ދައްކަމުންނެވެ.