ޚަބަރު

ކ.ގުޅީގެ ބަނދަރުގެ ދަތިކަން ހައްލުކޮށްދީ، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދޭނަން: ރައީސުލްޖުމްހޫރިއްޔާ


  • ބައުންޑް ވޯލް ޖެހުމުގެ މަސައްކަތާއެކީގައި ބިން ހިއްކަން ވަރަށް އަވަހަށް ފެށޭނެކަމަށް ވިދާޅުވި

  • ޞިއްޙީ ދާއިރާއަށާއި ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވި

ކ. ގުޅީ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދީ، އެރަށު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކ. ގުޅީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ކ.ގުޅިއަށް ދިމާވެފައިވާ އެއް މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަމުގެ މައްސަލައަށްވާއިރު، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ބަޔަކާއި ހަވާލުކުރިނަމަވެސް އެ މަސައްކަތް އޮތީ ހުއްޓިފައެވެ.

ގުޅީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަށުގެ ބިން ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ޚާއްސަ އިސްކަމެއްދެއްވާގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނިމުނު 2024 ވަނަ އަހަރު ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދެވުނީ އެ އަހަރުގެ ބަޖެޓުގައި މަޝްރޫޢު ކުރިއަށްގެންދެވޭ މިންވަރަށް ކުރީ ސަރުކާރުން ފައިސާ ހިމަނާފައި ނެތުމުން ކަމަށެވެ. ނަމަވެސް މިއަހަރުގެ ބަޖެޓުގައި މަޝްރޫޢަށް ބޭނުންވާ ފައިސާ ހިމަނައި، ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެމްޓީސީސީގެ ޓީމު މިހާރު އެތިބީ ގުޅިއަށް އައިއްސަ. އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ ބަންޑް ވޯލް ޖެހުމުގެ މަސައްކަތް މިހާރު ފެށުމަށް އެވަނީ ތައްޔާރުވެފައި. ކުރިން ވީހެނެއް މިފަހަރަކު މަޝްރޫޢު ނުހުއްޓޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ގުޅީ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ރަށުގެ ރައްޔިތުން އެދޭ ގޮތަށް ބަނދަރުގެ ޖާގައިގެ ދަތިކަމާއި ނެރު ފައިކަށްޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެ އިތުރުން ގުޅީގެ ތަޢުލީމީ ދާއިރާއަށާއި ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ގުޅީ ސްކޫލްގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތާއި ތަމްރީންވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އިތުރުކުރުމާއި ރަށުގައި ލެބޯޓްރީގެ ޚިދުމަތެއް ޤާއިމްވެފައިނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.