ޚަބަރު

ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


  • އިންޖީން އެޅުމުގެ މަސައްކަތް ފަށާފައިވާ އުޅަނދެއްކަމުގައި ވާންޖެހޭ

  • 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށް ވާންޖެހޭ

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ހުޅުވާލާފައިވާ ލޯނަށް އެދުމަށް މި ސަރުކާރުން ފުރަތަމަ ހުޅުވާލީ މިދިޔަ ސެޕްޓެމްބަރުމަހުއެވެ. އަދި މުއްދަތު ހަމަވިއިރު 39 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވާކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯން ސްކީމަށް އެދި ހުށައެޅި މީހުންގެ ތެރެއިން 19 ފަރާތެއް ޝަރުތު ހަމަވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޝަރުތުހަމަވާ މީހުންނާއެކު އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތްކަމަށް އެ ވުޒާރައިން ވިދާޅުވިއެވެ. އަދި އެގްރީމަންޓްގައި ސޮއިކުރާ ހިސާބުންފެށިގެން ލޯނު ދޫކުރަމުން ގެންދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިހާރު ލޯނުގެ އިތުރު ބުރަކަށް ހުޅުވާލާފައިވާއިރު އިތުރު ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން މިފަހަރުގެ ލޯނު ސްކީމަށް ހަލް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދަކަށް މި ލޯނަށް އެދި ހުށައެޅޭނެއެވެ. އަދި އިންޖީން އެޅުމުގެ މަސައްކަތް ފަށާގައިވާ އުޅަނދެއްކަމުގައި ވުމާއި 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށް ވާންޖެހެއެވެ. މީގެ އިތުރުން މަދުވެގެން 10 ޓަނުގެ ފިޝް ހޯލްޑިންގ ކެޕޭސިޓީއެއްވެސް ހުންނަން ޖެހެއެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުގެ ދަށުން ރަހުނަކާއި ނުލާ 100،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާއަށް ހަމައަށް ލޯނުދޫކުރެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއޭޑަކާއެކު، 10 އަހަރު މި ސްކީމުގެ ދަށުން ލިބޭނެއެވެ.

ސަރުކާރުން ވަނީ މި މަސައްކަތާއެކު އައިސް ހޯދުމަށް މަސްވެރިން ކުރާ ދަތުރުތަކަށް ލުއި ލިބޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް ދެކުނުގެ ގިނަ ދޯނިތަކެއްގައި މި ނިޒާމު ހަރުކުރެވިފައިވާއިރު، ސަރުކާރުގެ އަމާޒަކީ ހުރިހާ މަސްދޯންޏެއްގައިވެސް މި ނިޒާމު ހަރުކުރުމެވެ.