ކުޅިވަރު

އޮލްމޯގެ މައްސަލަ ސްޕެނިޝް ލީގާ ދެކޮޅަށް ބާސެލޯނާއިން ކާމިޔާބުކޮށްފި


ބާސެލޯނާގެ ޑެނީ އޮލްމޯ އާއި ޕައު ވިކްޓަރ ރަޖިސްޓަރ ކުރަން ސްޕެއިންގެ ސްޕްރީމް ސްޕޯޓްސް ކައުންސިލުން ހުއްދަ ދީފިއެވެ.

ސްޕޭނުގެ ކުޅިވަރުގެ ކަންކަން ނިންމާ އެންމެ މަތީ ފަރާތުން މި ހުއްދަ ދިނީ ދަށު ކޯޓުތަކުންނާއި ސްޕެނިޝް ލީގާއި ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން މި ދެ ކުޅުންތެރިން ރަޖިސްޓަރ ކުރަން ދެކޮޅު ހަދާފައިވަނިކޮށެވެ. އެއީ ލީގުގެ ގަވާއިދުގައިވާ ގޮތުގެ މަތީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން މި ދެ ކުޅުންތެރިން ރަޖިސްޓަރީ ކޮށްފައިނުވާތީ އެވެ.

ސްޕްރީމް ސްޕޯޓްސް ކައުންސިލުން ބުނީ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ނުލިބުމަކީ ކުޅުންތެރިޔާ އާއި ކުލަބަށާއި ސްޕޭނުގެ ގައުމީ ޓީމަށް ވެސް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ. މިހެންވެ ސްޕެނިޝް ލީގާއި ފެޑަރޭޝަނުގެ ނިންމުން ސަސްޕެންކޮށް، ކުޅުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް މިނިންމުމާމެދު ސްޕެނިޝް ލީގާއި ފެޑަރޭޝަނުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ނަމަވެސް މި ވަގުތު ސައޫދީ އަރަބިއާގައި ތިބި ބާސެލޯނާގެ ކުޅުންތެރިންނާއި އެކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވަނީ މި ނިންމުމާއެކު ވަރަށް ބޮޑަށް އުފާފާޅު ކޮށްފަ އެވެ.

އޮލްމޯ އާއި ޕައު ވިކްޓަރ ރަޖިސްޓަރ ކުރަން ލީގުން ދެކޮޅު ހެދީ ސްޕޭނުގެ ފުޓްބޯލް ފެޑަރޭޝަނުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދެ ވަނަ ނުކުތާއާ ހަވާލާދީފަ އެވެ. އެ ޕޮއިންޓްގައި ބުނެފައިވަނީ ކުޅުންތެރިއަކު އެއް ޓީމަކަށް ސީޒަނެއްގެ ތެރޭގައި ދެ ފަހަރަކު ރަޖިސްޓަރީ ނުކުރެވޭނެ ކަމަށެވެ. އަދި ކުޅުންތެރިއަކު ޑީ-ރަޖިސްޓަރީ (ރަޖިސްޓަރީން އުނިވެއްޖެނަމަ) ވެސް އަލުން އެ ޓީމަކަށް ރަޖިސްޓަރ ނުކުރެވޭނެ ކަމަށެވެ. ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް ފަހު ލަލީލާގައިން ވަނީ އޮލްމޯ އާއި ޕައު ވިކްޓަރ ރަޖިސްޓަރީން އުނިކޮށްފަ އެވެ.

އެހެންވެ ބާސެލޯނާއިން ސްޕޭނުގެ ފެޑަރޭޝަނުގައި މި ދެ ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް އައު ލައިސަންސެއް ދިނުމަށާއި 130 ވަނަ މާއްދާއަކީ މިހާރު އައުޓްޑޭޓް ވެފައިވާ މާއްދާއެއް ކަމަށް ކަނޑައަޅައި އެ މާއްދާ އިސްލާހު ކޮށްދިނުމަށެވެ.

ސްޕްރީމް ސްޕޯޓްސް ކައުންސިލަށް 56 ސޮފުހާގެ ރިޕޯޓަކާއެކު ބާސެލޯނާއިން މި މައްސަލަ ހުށަހެޅީ އެ ކުލަބުން ގަވާއިދާ ހިލާފު ނުވާ ކަމުގެ ހެކިތަކާއެކުގަ އެވެ. ބާސެލޯނާ އަށް ޑިސެމްބަރ 31ގެ ކުރިން މި ދެ ކުޅުންތެރިން ދާއިމީކޮށް ރަޖިސްޓަރ ނުކުރެވުނީ ލީގުގެ މާލީ ގަވާއިދުތަކަށް ޑިސެމްބަރ 31ގެ ކުރިން ފެތިފައިނުވާތީ އެވެ. ނަމަވެސް ބާސެލޯނާއިން ބުނީ އޭގެ ކުރިން އެކަމަށް ބޭނުންވާ ލިޔެކިއުން ހުށަހެޅި ކަމަށާއި ލީގުން ލިޔެކިއުން ބަލައިގަނެ ކަންކަން ފުރިހަމަކުރަން ވަގުތުނެގުމަކީ ހަމައެކަނި ކުލަބުގެ މައްސަލައެއް ނޫން ކަމަށެވެ.