ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ނަގަންޖެހޭ ހުއްދަ ނެތި އަދި ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ ޚިލާފަށް އަލްމަޝްއަރު ޓުއާރސްއިން ޢަމަލުކޮށްފައިވާތީ އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރަން ފޮނުވައިފިއެވެ.
ފުލުހުން ވިދާޅުވީ އަލްމަޝްއަރު ޓުއާސްއިން އުމްރާއަށް މީހުން ފޮނުވަން ކަމަށް ބުނެ ފޮނުވި ޗެކްތަކެއް ބައުންސްވެފައިވާ މައްސަލަ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހުށައަޅާފައިވާކަމަށެވެ. އަދި މި މައްސަލައިގެ ތަޙްޤީގު ނިމުމަށްފަހު ދަޢުވާ ކުރުމަށްޓަކައި މިދިޔަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު މަޝްއަރު ޓުއާސްއިން އުމްރާއަށް ގެންދިޔަ ބަޔަކު ހާލުގައި ޖެހި، އެނބުރި މާލެ އާދެވޭނެ ގޮތެއް ނެތި ސައޫދީ އަރަބިއްޔާގައި ތާށިވިއެވެ. އެއީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައި އޮތް ބައެއް ނޫނެވެ. އޭރު ބެލިބެލުމުން އެނގުނު ގޮތުގައި، އެ ކުންފުންޏަކީ މިނިސްޓްރީން ހުއްދަ ބާތިލުކޮށްފައި އޮތް ބައެކެވެ. އެ ކުންފުންޏަށް ދިން ހުއްދަ ބާތިލުކޮށްފައި އޮތުމުން ވަކިން ޓުއާ އެޖެންސީއެއް ހަދައިގެން އާންމުންނަށް އޮޅުވާލައިގެން މީހުން އުމްރާއަށް ގެންދިޔައީއެވެ.
މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ މީހުން މައްކާގައި ތާށިވީ އެ މީހުންގެ ރިޓާން ޓިކެޓް ނަގަން ޓްރެވަލް އެޖެންޓަށް ދިން ފައިސާގެ ޗެކު ބައުންސް ވުމުންނެވެ. ނަމަވެސް އުމްރާއަށް ފުރުމުގެ ކުރިން އެންމެންގެ އަތުން ދެކޮޅު ޓިކެޓާއި ކެއުމާއި ހުރުމުގެ ހުރިހާ ހަރަދަކަށްވާ ފައިސާ ނަގާފައިވެއެވެ. މި މައްސަލާގައި ރާއްޖެ ނާދެވިފައި ތިބި ޢުމްރާވެރިން ރާއްޖެ ގެނެސްފައިވަނީ އަންނަން އޮތް ތާރީހަށް ވުރެ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވީ ފަހުންނެވެ. އެ މުއްދަތުގައި އެ މީހުން މައްކާގައި ތިބުމުގެ ހުރިހާ ހަރަދެއް ހަމަޖެއްސީ އެ މީހުންގެ އަމިއްލަ ޖީބުންނެވެ. އަދި ރިޓާން ޓިކެޓްވެސް ނެގީ އަމިއްލަ އަތުން ހަރަދުކޮށްގެންނެވެ.
މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ފޮނުވި އިރު، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮވެ، ބަޔަކު އުމްރާއަށް ގެންގޮސް ހާލުގައި ޖެއްސުވި އެހެން މައްސަލައެއް މިހާރު ވަނީ ފެންމަތިވެފައެވެ. އެއީ އަލް-ހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޑެޓުގެ ހަވާލުގައި އުމްރާއަށް ގެންދިޔަ މީހުންނެވެ. އެ ޤުރޫޕާ މެދު މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ.