ޚަބަރު

މިއަހަރު ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބޭ މީހުންނަށް ދަޢުވަތު ފޮނުވަން ފަށައިފި


  • ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބޭ މީހުންނަށް ދަޢުވަތު ފޮނުވަނީ ކިއު ތަރުތީބުން

  • އިދާރީ ގޮތުން ތައްޔާރީތައްވެސް ވަނީ ވާންފަށާފައި

  • ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ

މިއަހަރު ރާއްޖެއިން ޙައްޖަށްދިއުމުގެ ފުރުޞަތު ލިބިފައިވާ މީހުންނަށް ޙައްޖުގެ ދައުވަތު ފޮނުވަންފަށައިފިއެވެ. ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބުނުކަމުގެ ދަޢުވަތު ފޮނުވަމުން ދަނީ ޙައްޖު ކިއު ތަރުތީބުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީލް ވިދާޅުވީ މިއަހަރު ހައްޖަށް ދިޔުމުގެ ފުރުޞަތު ލިބިފައިވާ މީހުންނަށް އެކަމުގެ ދަޢުވަތު ފޮނުވަން ފަށާފައިވާކަމަށެވެ. އަދި އޭގެތެރެއިން ބައެއް މީހުން އެކި ސަބަބުތަކާ ހުރެ މިއަހަރު ނުދެވޭނެކަމަށް އަންގާފައިވާކަމަށާއި އެ ޖާގަތަކަށްވެސް ކިއު ތަރިތީބުން މީހުންނަށް ފުރުޞަތު ދެމުންދާކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ މިދިޔަ އަހަރުގެ ޙައްޖުގެ މަޝާޢިރުގައި ފާހަގަކުރެވިފައިވާ ކަންކަމަށް ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިމަހުގެ 13 އިން 16 އަށް ސަޢުދީއަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ ޙައްޖު ކޮންފަރެންސްގެ ތެރެއިން މުތައްވިފުންނާ ބައްދަލުކޮށް އެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާނެކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި މިކަންކަން ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ބަލާ ޚިދުމަތްތަކަށް ބުރޫ ނާރާނެގޮތަށް ގެނެވޭނެ ބަދަލުތަކަކީ ކޮބައިތޯ ބަލާނެކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް އިދާރީ ގޮތުން ވާން ޖެހޭ ތައްޔާރީތައް މިހާރުވެސް ވާން ފަށާފައިވާކަމަށެވެ. އެގޮތުން ޙައްޖު ކޯޕަރޭޝަނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ.

"އެގޮތުން މިނާގައި ފާހަގަކުރެވުނު ކަންތައްތަކަށް ބެލުމަށްފަހު ކުރިއަށް އޮތް ހައްޖުގައި އެކަން ނުވާނެ ގޮތަކަށް ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިދަނީ ކުރަމުން." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގައިވެސް ސައުދީޢަރަބިއްޔާއިން ރާއްޖެއަށް 1،000 ކޯޓާ ދޫކުރެއެވެ. އެ ކޯޓާގައި މީގެ ކުރިން ޙައްޖު ކޯޕަރޭޝަންއާއެކު އަމިއްލަ ޖަމާއަތްތަކަށްވެސް ޙައްޖަށް މީހުން ގެންދިޔުމުގެ ފުރުޞަތުދެއެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ނިންމަވާފައިވަނީ 1،000 ކޯޓާގައި ހައްޖަށް މީހުން ގެންދާނީ ހަމައެކަނި ޙައްޖު ކޯޕަރޭޝަނުން ކަމަށެވެ. މީގެއިތުރުން ސަރުކާރުން ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 50 ފަޤީރުން ހައްޖަށް ފޮނުވުމަށްވެސް ނިންމަވާފައެވެ.

މީގެއިތުރުން މިހާރު ރައީސް ނިންމަވާފައިވަނީ ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެންނެވުމަށެވެ. މިއީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. މި އިސްލާހުތަކާއެއްގޮތަށް އަމަލުކުރާނީ އަންނަ އަހަރުން ފެށިގެން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި މިހާރު އެ ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ކިޔޫގައި 9115 މީހުން އެބަތިއްބެވެ. މީގެ ތެރޭގައި 65 އަހަރުން ދަށުގެ 7543 މީހުންނާއި 65އަހަރާއި 75 އަހަރާ ދެމެދުގެ 1461 މީހުން އަދި 75 އަހަރުން މަތީގެ 111 މީހުން އެބަތިއްބެވެ.

މިހާރު ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ޙައްޖަށް ދިއުމަށް އެދިފައިވަނީ 8623 މީހުންނެވެ. އެއީ 65 އަހަރުން ދަށުގެ 7150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1370 މީހުން އަދި 75 އަހަރުން މަތީގެ 103 މީހުންނެވެ.