ޚަބަރު

އިތުރު 170 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތަ ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ވަޒީރު ޠާރިޤު


  • އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގައި ގާއިމްކޮށްފައިވާ އިޔާދަކުރަނިވި ހަކަތައަށް 17 މެގަވޮޓް ވަނީ އިތުރުކުރެވިފައި

އިތުރު 170 މެގަވޮޓް އިޔާދަކުރަނިވި ހަކަތަ ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެވެ. ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތަ %33 އަށް އިތުރުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) 15 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖޭގައި ޤާއިމްކޮށްފައިވާ އިޔާދަކުރަނިވި ހަކަތައަށް އެއް އަހަރުގެ ތެރޭގައި 17 މެގަވޮޓް އިތުރު ކުރެވިފައިވާ ކަމަށެވެ. މިއާއެކު ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު، 53 މެގަވޮޓުން 70 މެގަވޮޓަށް އިތުރުވެފައިވާކަން ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޠާރިޤު ވިދާޅުވީ، 2023 ވަނަ އަހަރުގެ ޑިސެންބަރުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ބޭއްވި ކޮޕް 28ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ، 2028 ވަނަ އަހަރާ ހަމައަށް ކަރަންޓުގެ %33 އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އިޢުލާން ކުރައްވާފައިކަމަށެވެ.

އެގޮތުން ރައީސްގެ މި އަމާޒަށް ވާސިލްވުމަށް އިތުރު 170 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތަ ޤާއިމުކުރުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށް ދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރުގެ ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވަވާފައެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޤައުމުތަކުން އެއްބަސްވެފައިވާގޮތަށް ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއެސަށް ވުރެ މައްޗަށް އުފުލުނަ ނުދިނުމަށް އަޅަން ޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

"ބައިނަލްއަޤްވާމީ މުޖުތަމަޢުން މިހާރުން މިހާރަށް ޢަމަލުކުރަން ޖެހޭ، އަދި ރައްޔިތުންނާއި މި ދުނިޔޭގެ މުސްތަޤުބަލު ރައްކާތެރިކުރަން ޖެހޭ،" ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

ޔޫއޭއީގައި ބޭއްވި އައިރީނާ އެސެމްބްލީގައި ވަޒީރު ޠާރިޤުގެ އަރިހުގައި ޔޫއޭއީއަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލް އަޙްމަދު ޢަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.