ޚަބަރު

ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަށް ހަދިޔާ ދޭން ބޭނުންތަ!


ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ތިބި މީހުންނަށް ހަދިޔާދިނުމުގެ ފުރުޞަތު ދުވަސް އޮންލައިނުން ހުޅުވާލައިފިއެވެ.

ރާއްޖޭގެ އަމިއްލަ އޮންލައިން ނޫހެއްކަމަށްވާ ދުވަސް އޮންލައިންގެ އެޑިޓަރ އަޒްމީ ޢަލީ ބުނީ ހަދިޔާ ޕްރޮގްރާމަކީ މުޖުތަމަޢުގައި ތިބި އަޅާލުމާއި އޯގާތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެއްކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ހަދިޔާދިނުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާ ކަމަށާއި ވަކިވަކި ފަރުދުންގެ އިތުރުން އޮފީސްތާއި ކުންފުނިތަކާއި ވިޔަފާރިތަކަށްވެސް މިފުރުޞަތު ހުޅުވާލާފައިވާކަމަށް އަޒްމީ ވިދާޅުވިއެވެ. މި ޕްރޮގްރާމްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ޑިސްއެބިލިޓީ އެމްބެސެޑަރ އަޙްމަދު ހިޝާންއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިޝާން ވިދާޅުވީ، ފެށިގެން މިދަނީ އޯގާތެރިކަމުގެ މުޢާމަލާތެއްކަމަށާއި އެމީހެއްގެ ނުވަތަ އެބައެއްގެ ފެންވަރުން ކޮންމެވެސް ހަދިޔާއެއް ދިނުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

ހަދިޔާދިނުމުގެ ޕްރޮގްރާމްގައި ފައިސާ ނޫން އެހެން ކޮންމެ އެއްޗެއް ދިނުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމްގެ ދަށުން ލިބޭ ހަދިޔާތައް ގުރައިދޫގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ ޙަވާލުކުރުން އޮންނާނީ ޢީދު ދުވަހު ގުރައިދޫގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށް ދުވަސް އޮންލައިނުން ބުނެއެވެ.

ހަދިޔާދޭން ބޭނުންވާ ފަރާތްތަކަށް ދުވަސް އޮންލައިނުން ޤާއިމްކޮށްފައިވާ ހޮޓްލައިނަކީ 9534444 އެވެ.