އަންނަ ރަމަޟާންމަހަށް ކަރަންޓުގެ މައްސަލަ ދިމާވާ ރަށްރަށުގެ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.
ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަކީ ދޭތެރެދޭތެރެއިން ދިމާވާ މައްސަލައަކަށްވާއިރު އެކަމަށް ހައްލެއް ހޯދިފައި ނެތުމުގެ ކަންބޮޑުވުން އަބަދުވެސްއޮވެއެވެ.
މި އަހަރުގެ ރަމަޟާން މަސް އައުމުގެ ކުރިން ކަރަންޓުގެ މައްސަލަ ދިމާވާ ރަށްރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު ހުވަދުއަތޮޅަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހާމަކުރައްވާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވީ, ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް އަންނަ ރަމަޟާންމަހަށް ކަރަންޓުގެ މައްސަލަ ދިމާވާ ރަށްރަށުގައި ހުރި މައްސަލަަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން ފެނަކައިން މިހާރު ޓެކްނިކަލް އިވެލުއޭޝަންގެ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް ދާކަމަށް ނަޖާހް ވިދާޅުވިއެވެ. މިއީ ރަށްރަށުގެ ކަރަންޓުގެ މިހާރުގެ ހާލަތު ދެނެގަތުމަަށްކުރާ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށް ދިޔަނަމަވެސް ރަމަޟާންމަހަށް ވަމުންދާ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް ނަޖާހް ވިދާޅުވިއެވެ. ނަޖާހް ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިންވެސް ދިރާސާތަކެއް ހަދާފައިވާކަމަށެވެ. އެގޮތުން މައްސަލަ އުޅޭ 46 ރަށެއް ފާހަގަވެފައިވާކަމަަށެވެ.
"ކުރިން އެބަހުރި ދިރާސާ ތަކެއްކޮށްފައި 46 ރަށަކަށް ޖެންސެޓް ބޭނުންވާކަމަށް އެބައިން ދިރާސާތަކެއް ކޮށްފައި. އެ އެއްޗެހި ސެކުއަރކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާއި ގުޅިގެން އެ މިނިސްޓްރީއިން ފަންޑްސް އެބަ ހަމަޖައްސަވާދެއްވާ ކޮންމެވެސް ވަރަކަށް." ނަޖާހް ވިދާޅުވިއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވީ، އަމާޒަކީ އައު ޖެންސެޓް ހޯދައިގެންނާއި މަރާމާތުކުރަން ޖެހޭ ޖެންސެޓްތައް މަރާމާތުކޮށްގެން ރަމަޟާން މަހަށް ކަރަންޓުގެ މައްސަލަ ދިމާވާރަށް ރަށްރަށުގެ މައްސަލަ ހައްލުކުރުންކަމަށެވެ. އެގޮތުން ކުރިއަށް އޮތް ރަމަޟާންމަހުގެ ކުރިން 46 ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރާނެކަމަށް ނަޖާހް ވިދާޅުވިއެވެ.
ފެނަކައިން ވަނީ މި އަހަރުގެ ހޫނުމޫސުމާއި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން 39 ޖެނެރޭޓަރެއް ހޯދުމަށް އިޢުލާންކޮށްފައެވެ.
ފެނަކައިން ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަސް ދިމާވަނީ އަހަރުގެ އެންމެ ހޫނު ދުވަސްވަރާކަމުން، އެދުވަސްތަކުގެ ކަރަންޓަށް އޮންނަ ޑިމާންޑު ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށެވެ. އެހެންކަމުން ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް، ދުރާލާ ތައްޔާރު ވަމުންދާ ކަމަށެވެ.