ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ހުޅުދުއްފާރަށް ވަޑައިގެންފިއެވެ. 
ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގަތުމުން، އެރަށުންވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. 
ރައީސުލްޖުމްހޫރިއްޔާ ރ.ހުޅުދުއްފާރަށް ކުރައްވާ ދަތުރުފުޅުގައި، އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި އަދި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ރައްޔިތުންނާ ބައްދަލުވުމަށް ބާއްވާ ބައްދަލުވުމުގެ ތެރެއިން އެރަށުގައި ބޭންކް އޮފް މޯލްޑިވްސްއިން ޤާއިމުކުރާ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އެރަށު ކައުންސިލާއި ހަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން އެރަށުގައި އޭޓީއެމް ޤާއިމުކުރުމާއި ބެހޭގޮތުން އެމްއައިބީއާއި ހުޅުދުއްފާރު ކައުންސިލާ ދެމެދެ އެއްބަސްވުމެއްގައި ސޮއިކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. 
ހުޅުދުއްފާރަށްފަހު ރައީސުލްޖުމްހޫރިއްޔާ މިއަދު ދެން ވަޑައިގަންނަވާނީ މަޑުއްވަރީއަށެވެ. 
ރައީސުލްޖުމްހޫރިއްޔާ ރ.އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެއަތޮޅުގެ 11 ރަށަކަށް ވަޑައިގަންނަވާނެއެވެ.
ރައީސްގެ މިދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ ޢަމާޒަކީ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގެންނެވުމެވެ.