ރާއްޖޭގެ އިގްތިޞާދު ކުރިން އޮތް ހާލަތުން އަރައިގަނެ، ޤައުމު ނުދަރާ ކުރިއަށްދިއުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވާރުތަވީ ވަރަށް ދަތި އުނދަގުލުގައި އޮތް އިޤްތިޞާދެއް ކަމަށާއި ނަމަވެސް އެ ހާލަތު ހަމަމަގަށް އަޅުވައި، ޤައުމު ނުދަރާ މިހާރު ކުރިއަށްދާ ކަމަށެވެ. މިއާއެކު އައު ކަންކަންވެސް ފެށިގެން ކުރިއަށްދާ ކަމަށާއި ދެން ޤައުމު ދާނީ ހަމަޖެހުމުގެ ނޭވާއެއް ލައިގެން ކުރިއަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރާއި މިހާރާ އަޅާބަލާއިރު ރާއްޖެއާއި ރާއްޖޭން ބޭރުގެ ވިޔަފާރިތަކަށްވެސް ރާއްޖޭގެ އިޤްތިޞާދާމެދު އިތުބާރު އުފެދިފައިވާ ކަމަށެވެ.
"މިސާލަކަށް މި ދަތިހާލަތުގައިވެސް، އެއާ އެމްބިއުލާންސްގެ މަސައްކަތް ފެށިއްޖެ. ވައިޑް ބޮޑީ އޮޕަރޭޝަން ފެށިގެން ޗައިނާއިން މިހާރު ސީދާ ފަތުރުވެރިން އެއޮށް ގެންނަނީ. މިހުރިހާ ކަމަކާއެކު ޤައުމު ހުއްޓުމަކަށް ނައިސް އޭރު ވެއްޓިފައި އޮތް ނުރައްކާތެރި އަނދަވަޅުން ސަލާމަތްވެ ވަޒީފާގެ ބާޒާރަށް ތަނަވަސްކަން ގެނައުން. އަދި އުމްރާނީ މަސައްކަތްތައް ފެށުނު." އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ރައީސަކީ ވަރަށް ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅުއްވާ ކެތްތެރި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނު ކަންކަން ތަންފީޒުކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ އަޑު އައްސަވައިގެން ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނަށް އިތުބާރާއި ޔަޤީންކަން އުފެދިފައިވަނީ އޭގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ވިސްނުމަކީ މިއަހަރު ތެރޭގައި ހއ. އަދި ހދ ގައި ފަތުރުވެރިކަމުގައި އިތުރު އެނދުތައް ތަރައްޤީ ކުރެއްވުމަށް ރައީސް ބޭނުންފުޅުވާ އަމާޒަށް ދިއުމަށް މަސައްކަތް ކުރުން ކަމަށާއި އެ އަތޮޅުގައި ގާއިމުކުރާ އިކޮނޮމިކް ގޭޓްވޭގެ މަސައްކަތުގެ ދަށުން މިއަހަރު ތެރޭގައި ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަހަރު ވެގެންދާނީ އިޤްތިޞާދީގޮތުން ހަރަކާތްތެރި އަހަރަކަށް ކަމަށާއި، ބަޖެޓުގައި ޖަހާފައިވާ މަޝްރޫއުތަކާއި އެކި އިންވެސްޓްމަންޓުތަކާއެކު ބަޖެޓުން ބޭރުންވެސް އެކި ސިނާއަތްތަކުގެ މަޝްރޫއުތައް ކުރިއަށްދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.