ޚަބަރު

ރެއާލް މެޑްރިޑް މޮޅުވެ ޕްލޭއޮފް މެޗަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އިން ބްރެސްޓް އާއި ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޕްލޭއޮފް މެޗު ކުޅެން ޖެހިއްޖެ އެވެ.

މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއެކު އެ ޓީމަށް ވަނީ ކުޅުނު 8 މެޗުން 15 ޕޮއިންޓާއެކު ތާވަލުގެ 11 ވަނަ މަގާމް ލިބިފަ އެވެ. މި މެޗަށް ނިކުތްއިރުވެސް އަމިއްލަ ބާރުގައި ގަދަ އަށެއްގައި ހިމެނި ދެވަނަ ބުރުގެ ސީދާ ޖާގައެއް ހޯދުމުގެ ފުރުސަތު އެޓީމަކަށް ނެތެވެ.

މި މެޗުން ބަލިވި ނަމަވެސް ޗެމްޕިއަންސް ލީގުގައި އަލަށް ވާދަކުރާ ބްރެސްޓް ވެސް ވަނީ 18 ވަނަ ހޯދައިގެން ދެވަނަ ބުރުގެ ޕްލޭއޮފް މެޗެއް ކަށަވަރުކޮށްފަ އެވެ.

މި މުބާރާތުގެ ކުރީކޮޅު އެދެވޭ ނަތީޖާތަކެއް ރެއާލް މެޑްރިޑަށް ހޯދިފައިނުވާތީ އެ ޓީމަށް ގަދަ އަށެއްގެ ޖާގައެއް ގެއްލިފައިވާއިރު މުބާރާތުގައި ކުޅުނު ފުރަތަމަ ހަ މެޗުގެ ތެރެއިން ތިން މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ނަމަވެސް އެންމެ ފަހުން އެ ޓީމު ކުޅުނު ފަސް މެޗުން މޮޅުވެފައިވާއިރު އެ ފަސް މެޗުގައި ވަނީ 20 ލަނޑު ޖަހާފަ އެވެ.

ފްރާންސްގައި ކުޅުނު މި މެޗުގެ 27 ވަނަ މިނިޓުގައި ރެއާލް މެޑްރިޑަށް ލަނޑު ޖަހައިދީ ލީޑު ނަގާފައިވަނީ ރޮޑްރިގޯ އެވެ.

މެޗުގެ ފުރަތަމަ ހާފު 1-0 ގެ ނަތީޖާއަކުން ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ބްރެސްޓްގެ ލުޑޮވިޗް ވަނީ ރެއާލް މެޑްރިޑްގެ ގޯލަށް ބޯޅަ ފޮނުވާލާފަ އެވެ. ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

މެޗުގެ 56 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި 78 ވަނަ މިނިޓުގައި ރޮޑްރިގޯ ކާމިޔާބުކޮށްދިން ލަނޑާއެކު ރެއާލް މެޑްރިޑް އިންވަނީ 3-0 ގެ ލީޑެއް ނަގާފަ އެވެ. މި ލަނޑާއެކު ރޮޑްރިގޯ މި ސީޒަނުގައި ޖެހި ލަނޑުގެ އަދަދު ވަނީ 10 އަކަށް އަރާފަ އެވެ.

ބެޔާ ލެވަކޫސަން, ލިލް އަދި އެސްޓަން ވިލާ މޮޅުވެއްޖެ ނަމަވެސް ރެއާލް މެޑްރިޑަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ނުލިބޭނެކަން ކަށަވަރުވެފައިވާއިރު, ދެވަނަ ބުރުގެ ޕްލޭއޮފްގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޓީމަކީ މެންޗެސްޓަރ ސިޓީ ނުވަތަ ސެލްޓިކް އެވެ. ދެވަނަ ބުރުގައި ކްލަބްތައް ވާދަކުރާނެ ޓީމުތައް ފައިނަލް ވެގެންދާނީ އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމަށްފަހުގަ އެވެ.