ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ކުޅެވޭ ޕްލޭއޮފް ގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޓީމުތައް ކުޅެން ޖެހޭ މެޗުތަކުގެ ގުރުއަތުލުން އިއްޔެ ސްވިޒަލޭންޑްގެ ނިއޯން ގައި ކުރިއަށް ގެންގޮސްފައިވާއިރު މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑަށް ވެސްވަނީ މި ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ހޯދުމަށް ނުކުޅެދިފަ އެވެ.
15 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑާއި ދެކޮޅަށް 2023 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރި މެންޗެސްޓަރ ސިޓީ ނިކުންނައިރު މި ދެ ޓީމުގެ ފުރަތަމަ ލެގް އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު މެންޗެސްޓަރ ސީޓީގެ އިއްތިހާދު ސްޓޭޑިއަމްގަ އެވެ. އަދި ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 19 ވަނަ ދުވަހު މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގަ އެވެ.
ރެއާލް މެޑްރިޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅެން ޖެހިފައިވަނީ މި މުބާރާތުގެ ގުރުއަތުލުން ރާވާފައިވާ ގޮތުން ޕްލޭއޮފްގައި ވާދަކުރާ ސޯޅަ ޓީމުގެ ތެރެއިން 9 އިން 16 ވަނައަށް ދިޔަ ޓީމުތައް ސީޑުކޮށް ހަތަރު ޕޮޓަށް ބަހާލާފައިވާއިރު 17 އިން 24 ވަނައަށް ދިޔަ ޓީމުތައް އެ ހަތަރު ޕޮޓަށް ބަހާފައިވަނީ ސީޑު ނުކުރާ ޓީމު ތަކުގެ ގޮތުގަ އެވެ. އެހެންކަމުން ސިޓީ އަށް 22 ވަނަ ލިބިފައިވާތީ އެ ޓީމު އޮތީ ސީޑު ނުކުރާ ޓީމުތަކުގެ ތެރޭގަ އެވެ.
މި ސީޒަނުގައި މެންޗެސްޓަރ ސިޓީ އަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު ހަމަ ޔަގީނުންވެސް މިއީ އެ ޓީމުގެ ކޯޗު ޕެޕް ގަޑިއޯލާ އެންމެ ބޭނުންވާނެ ފަދަ މެޗެއް ނޫނެވެ.
މި މުބާރާތުގެ ޕްލޭ އޮފްގައި ދެން ކުޅޭ ވަރުގަދަ މެޗުތަކުގެ ތެރޭގައި ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށް ސެލްޓިކް ކުޅޭ އިރު އިޓަލީގެ ޔުވެންޓަސް ނިކުންނާނީ ނެދަރލޭންޑްސްގެ ޕީއެސްވީ އެއިންދޯވެން އާއި ދެކޮޅަށެވެ.
އަދި ފްރާންސްގެ ޕީއެސްޖީ ބްރެސްޓް އާއި ދެކޮޅަށް ނިކުންނައިރު އިޓަލީގެ އޭސީ މިލާން އާއި ދެކޮޅަށް ނިކުންނާނީ ފެނޫޑް އެވެ.
މި މުބާރާތުގެ ދެވަނަ ބުރުގެ ގުރުއަތު ނެގުން އޮންނާނީ ޕްލޭއޮފް މެޗު ތަކަށްފަހު ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.