ޚަބަރު

ނޭމާ ސަންޓޯސް އަށް ބަދަލުވެއްޖެ


ސައުދި އަރަބިއްޔާގެ އަލް ހިލާލުގައި ނާކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު އެ ކްލަބު ދޫކޮށް ބްރެޒިލްގެ ނޭމާ އެ ގައުމުގެ ސަންޓޯސް އާއި ގުޅިއްޖެ އެވެ.

އުމުރުން 32 އަހަރުގެ ނޭމާ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި ކްލަބްތަކުގެ ލޮލުގައި އަޅައިގަނެފައިވަނީ ސަންޓޯސް އަށް ކުޅެމުން ދަނިކޮށެވެ. ނޭމާ އޭނާގެ ފުޓްބޯޅަ ހަޔާތް 2009 ވަނަ އަހަރު ސަންޓޯސް އާއި އެކު ފަށާފައިވަނީ އުމުރުން އެންމެ 17 އަހަރުގަ އެވެ. އޭރު އެ ކްލަބަށް އޭނާ ކުޅެދިން 225 މެޗުގައި އޭނާ ވަނީ 136 ލަނޑު ޖަހާ 64 ލަނޑު ޖަހަން މަގު ތަނަވަސްކޮށްދީ ބްރެޒިލްގައި އޭރު ހުރި އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.

ނޭމާ ވަނީ 2011 ވަނަ އަހަރުގެ ކޯލާ ލިބަޓަޑޯރެސް ފުޓްބޯޅަ މުބާރާތް 50 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސަންޓޯސް އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ނޭމާ ވަނީ 2011 ވަނަ އަހަރު ފްލެމިންގޯ އާއި ދެކޮޅަށް ކުޅުނު ލަނޑަށް ފީފާގެ ޕުސްކަސް އެވޯޑް ހޯދާފަ އެވެ.

2013 ވަނަ އަހަރު ނޭމާ ވަނީ ސަންޓޯސް ދޫކޮށް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވެފަ އެވެ. އަދި އެ ކްލަބުގައި ލިއޮނެލް މެސީ އާއި ލުއިސް ސުއަރޭޒް އާއިއެކު އޭނާ ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދާފަ އެވެ. އެގޮތުން ލަލީގާ 2 ފަހަރު, ތިން ފަހަރު މަތިން ކޮޕާ ޑެލްރޭއީ އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ވަނީ ބާސެލޯނާ އާއިއެކު ހޯދާފަ އެވެ.

ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު 2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފީ އެއް ކަމުގައިވާ 222 މިލިއަން ޔޫރޯގެ އަގަކަށް ނޭމާ ވަނީ ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. ޕީއެސްޖީ އާއިއެކު ގިނަ ކާމިޔާބީތަކެއް ނޭމާ ހޯދި ނަމަވެސް އެ ކްލަބުން އެންމެ ބޮޑަށް ބޭނުންވި ޗެމްޕިއަންސް ލީގު ހޯދަ ދިނުމުގައި ނޭމާއަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

2023 ވަނަ އަހަރުގެ ސީޒަނުގައި ނޭމާ އަށް އަނިޔާވެ ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހިފައިވަނިކޮށް ސައުދި އަރަބިއްޔާގެ އަލް ހިލާލް އިން ވަނީ އޭނާ 150 މިލިއަން ޔޫރޯގެ ފީއަކަށް އެ ކްލަބަށް ގެންގޮސްފަ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން ފްރާންސްގެ ޕީއެސްޖީ އިން އޭނާއަށް މުސާރައިގެ ގޮތުގައި ދިން އަދަދުގެ ހަ ގުނަ އަލް ހިލާލް އިން ވަނީ ނޭމާ އަށް މުސާރައިގެ ގޮތުގައި ދީފަ އެވެ.

ނަމަވެސް އަހަރެއް ހޭދަވެގެންދިޔައިރުވެސް ނޭމާ އަށް އަލް ހިލާލް އާއިއެކު އެދެވޭ ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ. ސީޒަނުގެ ބޮޑު ބައި އޭނާ ހޭދަކޮށްފައިވަނީ އަނިޔާގަ އެވެ.

ސަންޓޯސް އާއި ދެވަނަ ފަހަރަށް ގުޅުމަށްފަހު ނޭމާ ބުނެފައިވަނީ އޭނާ އެ ކްލަބާއި އަލުން ގުޅިފައިވަނީ ފުޓްބޯޅައިން އޭނާއަށް އަދިވެސް ހާސިލު ނުކުރެވި އޮތް ކަމެއް ހާސިލު ކުރުމަށް ކަމަށާއި އޭނާ އެނބުރި އައިސްފައިވަނީ މިޝަން އެއް ހާސިލުކުރުމަށް ކަމަށެވެ.

އަދި މި ވަގުތު ސަންޓޯސް އޮތީ އެންމެ ރަގަޅު ހާލަތުގައި ނޫން ކަމަށާއި ނަމަވެސް އެކަން އެނގިހުރެ އެ ކްލަބުގެ އެހެން ކުޅުންތެރިންނާއިއެކު ތަފާތުތަކެއް ދެއްކޭނެކަމަށް ގަބޫލުކުރާ ކަމަށްވެސް ނޭމާ ވަނީ ބުނެފަ އެވެ.