ފްރެންޗް ލީގުގައި ރޭ ބްރެސްޓް އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި އުސްމާން ޑެމްބެލޭ ހެދި ހެޓްރިކާއެކު 5-2 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.
މި މެޗުން ޕީއެސްޖީ މޮޅުވުމާއެކު އެ ޓީމުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން 50 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދާފަ އެވެ. ދެވަނައިގައި އޮތް މާސޭ އަށް 19 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ބްރެސްޓް އޮތީ 20 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލުގެ 8 ވަނައިގަ އެވެ.
ބްރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗުގެ 29 ވަނަ މިނިޓުގައި ޕީއެސްޖީގެ އުސްމާން ޑެމްބެލޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ފުރަތަމަ ހާފުގައި އެންމެ ލަނޑެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ އިތުރު ލަނޑުތަކެއް ފެނިގެން ގޮސްފަ އެވެ.
އެގޮތުން ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ބްރެސްޓްގެ ރޮމެއިން ޑެލް ކަސްޓިއްލޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ޕީއެސްޖީ އަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 62 ވަނަ މިނިޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ.
މި މެޗުގެ 71 ވަނަ މިނިޓުގައި ބްރެސްޓްގެ ލުޑޮވިޗް އަޔޯކޭ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލު ކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ގޮންޒާލޯ ރާމޯސް ވަނީ ޕީއެސްޖީއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.
އަދި މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގައި ގޮންޒާލޯ ރާމޯސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-2 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި އުސްމާން ޑެމްބެލޭ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައިވާއިރު އޭނާ ވަނީ މިދިޔަ ހަފްތާގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ސްޓުޓްގާޓް އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައިވެސް ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފަ އެވެ.
އުމުރުން 27 އަހަރުގެ ޑެމްބެލޭ ވަނީ އޭނާ އެންމެ ފަހުން ޕީއެސްޖީ އަށް ކުޅުނު 8 މެޗުގައި 14 ލަނޑު ޖަހައިގެން ފްރެންޗް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.
މި މެޗަށްފަހު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ ޑެމްބެލޭ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ މެޗަށް ފޯކަސް ކޮށްގެން ކުޅެފިނަމަ އޭނާއަކީ ކޮންމެ މެޗެއްގައި މިފަދަ ގޯލުތަކެއް ޖެހޭނެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ.