ޚަބަރު

ލ. ގަމު ފެނުގެ ނިޒާމުގެ މަސައްކަތް ނިމި ޓެސްޓުކުރުމުގެ މަރުޙަލާގައި


  • މި މަޝްރޫޢު ފަށާފައިވަނީ 2023 ގައި

  • މި ނިޒާމުން 800 އަށްވުރެ ގިނަ ގޭބިސީއަށް ޚިދުމަތްދެވޭނެ

ލ. ގަމު ފެނުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމާ ފެން ޕްލާންޓް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް 2021 ވަނަ އަހަރު ފެށި މަޝްރޫޢުގެ ދަށުން، ލ.ގަމުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ގަމުގައި 250 ޓަނުގެ 2 އާރްއޯ ޕްލާންޓެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ފެން ރައްކާކުރުމަށް 1080 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 720 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކު ވަނީ ޤާއިމުކޮށްފައެވެ.

މި މަޝްރޫޢުގެ ތެރެއިން ގަމުގައި 60 ޓަނުގެ ވާރޭ ފެން ޕްލާންޓެއް ޤާއިމުކޮށް 900 ޓަނުގެ ވާރޭ ފެން ރައްކާކުރާ 1 ޓޭންކުވެސް ޤާއިމުކޮށްފައިވެއެވެ. އަދި ޕްލާންޓްތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް 25 ކިލޯވޮޓްގެ ސޯލާ ނިޒާމެއްވެސް ވަނީ ޤާއިމުކޮށްފައެވެ.


އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ނިންމާ ގޭބިސީތަކަށް ޚިދުމަތް ފޯރުކޮށްދޭން މިހާރު ފަށާފައިވާކަމަށެވެ. އެހެންނަމަވެސް މިހާރު ކުރިއަށްދަނީ މަޝްރޫޢުގެ ޓެސްޓު މަރުޙަލާކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގަމު ކައުންސިލުން ވިދާޅުވީ، މި ނިޒާމު ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އަދި ޚިދުމަތް ނުލިބޭ 60 ގޭބިސީ އެބަހުރިކަމަށެވެ. އެހެންނަމަވެސް މިމަރުޙަލާގެ މަސައްކަތް ނިމިގެންދާއިރު މި ގޭބިސިތަކަށް ޚިދުމަތް ގުޅައިދެވޭނެކަން ފާހަގަކުރެއްވިއެވެ.

ގަމުގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމަކީ 800 އަށްވުރެ ގިނަ ގޭބިސީއަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ނިޒާމެކެވެ. މި މަސައްކަތް ކޮށްފައިވަނީ އެސްއެމްސީއާއި ޙަވާލުކޮށްގެންނެވެ. މީގެއިތުރުން ލ. އަތޮޅުގެ އިސްދޫ ކަލައިދޫ، އަދި މާމެންދޫއާއި ފެނުގެ ނިޒާމު ޤާއިމުކުރުމާއި، މާބައިދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްގެންދަނީ ކުރަމުންނެވެ.