ޗެލްސީގެ ޑިފެންޑަރ ބެން ޗިލްވެލް އެންމެ ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ ކްލަބް ކްރިސްޓަލް ޕެލަސް އަށް ބަދަލުވެއްޖެ އެވެ.
ޗެލްސީގެ ކޯޗު ކަމާއި އެންޒޯ މަރެސްކާ ހަވާލުވުމަށްފަހު ބެން ޗިލްވެލް އަށް ވަނީ އެ ޓީމުން ފުރުސަތު ގެއްލިފަ އެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހު މަރެސްކާ ވަނީ އޭނާގެ ޕްލޭނުގައި ބެން ޗިލްވެލް ނުހިމެނޭ ކަމަށް ބުނެފަ އެވެ.
ބެން ޗިލްވެލް އެންމެ ފަހުން ޗެލްސީ އަށް ޕްރިމިއާ ލީގުގެ މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ އެޕްރިލް މަހު އެވެ. އަދި މި ސީޒަނުގައި އޭނާ ޗެލްސީ އަށް ކުޅެފައިވާ ހަމައެކަނި މެޗަކީ ކަރަބާއޯ ކަޕްގައި ބަރޯ އާއި ދެކޮލަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ޗެލްސީ އާއިއެކު ބެން ޗިލްވެލް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2027 ގެ ނިޔަލަށް ހަމަވާއިރު އޭނާއަށް ކްލަބް ބަދަލުނުކުރެވި ހުންނަން ޖެހުނީ ކުޅުންތެރިން ގަނެ ވިއްކުމުގެ ބާޒާރު ހުޅުވެންދެނެވެ.
ލެސްޓަރ ސިޓީ އިން 2020 ވަނަ އަހަރު 45 މިލިއަން ޕައުންޑުގެ ފީ އަކަށް ޗެލްސީ އާއި ގުޅުނު ބެން ޗިލްވެލް ކްރިސްޓަލް ޕެލަސް އާއި ގުޅުމަށްފަހު ބުނެފައިވަނީ މިއީ އޭނާއަށް އުފާވެރި ވަގުތެއް ކަމަށާއި މި ސީޒަނުގައި ފަހަކަށް އައިސް ކްރިސްޓަލް ޕެލަސް އިން ދައްކާފައިވާ ކުޅުމާއިއެކު އޭނާއަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.
މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ދިޔަ އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ގެއްލުނު ބެން ޗިލްވެލް ކްރިސްޓަލް ޕެލަސް އަށް ކުޅޭނެ ފުރަތަމަ މެޗަކަށް ވެގެންދާނީ އެފްއޭ ކަޕްގައި މި މަހުގެ 10 ވަނަ ދުވަހު ޑޮންކެސްޓަރ ރޯވާސް އާއި ދެކޮޅަށް ކުޅޭ މެޗެވެ.