ޚަބަރު

އީ-ފާސް ނިޒާމާއެކު އެއްވެސް މީހަކަށް ނޭނގި ޕާޓީއަކަށް ދެން ނުވަދެވޭނެ: އީސީ


  • ދެން ޕާޓީއަށް ވަދެވޭނީ އެމީހެއްގެ އަމިއްލަ ވެރިފައިޑު އެކައުންޓަކުން

  • އެކަކު އެތައް ޕާޓީއެއްގެ ދަފްތަރުގައި އޮންނަ އޮތުމަށް ނިމުމެއް އަންނާނެ

އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވެވޭ ގޮތް ހެދުމުން ޕާޓީތަކަށް ރަޖިސްޓްރީވުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ލިބިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ވަނީ ސަރުކާރުގެ ޑިޖިޓަލް އައިޑީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވެވޭ ގޮތް ހެދުމަށް ނިންމާފައެވެ. މި ބަދަލު ގެނައުމަށް ނިންމީ އޮޅުވާލައިގެން ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަތައް ގިނަވުމާ ގުޅިގެން އެ މައްސަލަ ޙައްލުކުރުމުގެ ގޮތުންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ ކަރުދާސް ފޯމެއް ފުރައިގެން ޕާޓީތަކަށް މީހުން ވެއްދޭގޮތަށް އޮތުމުގެ ސަބަބުން މީހާއަށް ނޭނގި ޕާޓީތަކަށް ވެއްދުމުގެ ފުރުޞަތު އޮންނަކަމަށެވެ. އޭގެބަދަލުގައި ޑިޖިޓަލް އައިޑީ ނުވަތަ އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީއަށް ވަދެވޭގޮތް ހެދުމުން، ކޮންމެ މީހަކަށްވެސް ޕާޓީއަކަށް ވަދެވޭނީ އެމީހަކު އަމިއްލައަށް ވެރިފައިޑް އެކައުންޓަކުން ފުރާ ފޯމަކުން ކަމަށެވެ. މިއާއެކު އެކަކު އެތައް ޕާޓީއެއްގައި އޮންނަ އޮތުންވެސް ނިމުމަކަށް އަންނާނެކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

"މީހަކު ސިޔާސީ ޕާޓީއަކަށް ވަންނަންވެގެން ފޯމެއް ފުރީމަ، އެހާހިސާބުން ޕާޓީއަށް ދާނީ ނޯޓިފިކޭޝަނެއް. ދެން ޕާޓީތަކުގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތެއްގެ މަތިން އެ މީހަކު ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުނުވާނަމަ ޕާޓީން އެޕްރޫވްކޮށްލީމަ އެކަން ނިމޭނެ." ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ޙަސަން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އީ-ފާސް ނިޒާމުގެތެރެއަށް ވެއްދުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ ނިޒާމު ޓެސްޓުކުރުމުގެ މަރުހަލާކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

"އީ-ފާސްގެ ތެރެއިން އީސީގެ ޕާޓީތަކުގެ ދަފްތަރުގައި ހިމެނެނުމަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް ވަރަށް ގިނަ މަސައްކަތްތައް މިހާރު ވަނީ ނިމިގައި. މިހާރު ކުރިއަށްދަނީ ޑިޒައިންކުރި ޕޯޓަލް ޓެސްޓްކުރުމުގެ މަސައްކަތް. ވަރަށް ގިނަ ރައްޔިތުން ބޭނުންކުރާނެތީ އޭގައި ހުރި އުނދަގޫތައް ފިލުވުމުގެ މަސައްކަތް ކުރިއަށްދަނީ." ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ އީ-ފާސް މެދުވެރިކޮށް ސަރުކާރާއި ދައުލަތުގެ އެކި ޚިދުމަތްތައް ލިބިގަތުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު އޮޅުވާލައިގެން މީހާއަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލައަށް ޖުމްލަ ހައްލެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޕާޓީތަކަށް ވަނުމަށް އެދި ހުށައަޅާ ކަރުދާސް ފޯމު ބަލައިގަތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްޓާލާފައެވެ. އަދި ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު، އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.