ޚަބަރު

ފަތުރުވެރިކަމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމަށް އަޔަލެންޑާއި ގުޅިގެން މަސައްކަތް ކުރަނީ


  • ދެމެހެއްޓެނި ފަތުރުވެރިކަމަށް ބިނާކުރުމަށް އަޔަލެންޑުން ގިނަ ކަންތައް ދަސްވާނެ ކަމަށް ވިދާޅުވި

  • އަޔަލެންޑަކީ ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ވަކާލާތު ކުރާ ޤައުމެއް

ފަތުރުވެރިކަމާއި ތިމާވެށީގެ ދެމެހެއްޓެނިކަމަށް އަޔަލެންޑާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު، އިބްރާހިމް ޠާރިޤް އަޔަލެންޑުގެ ސަފީރު ކެވިން ކެލީއާއެކު ބޭއްވެވި ބައްދަލުކުރެވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ގިނަ ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ތިމާވެށީގެ ދާއިރާއާއި، މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގައި ބޭއްވެވި މިބައްދަލުކުރެއްވުމާއި ގުޅޭގޮތުން ވަޒީރު ޠާރިޤު އިބްރާހިމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޫސުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމު ގުޅިގެން ހަރުދަނާ މަސައްކަތެއް ކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ.

ވަޒީރު ޠާރިޤް ވިދާޅުވީ އަޔަލެންޑަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހައްގުގައި ވަކާލާތު ކުރާ ޤައުމެއް ކަމަށެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި ގުޅޭ ދާއިރާ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދެމެހެއްޓެނި ފަތުވެރިކަމެއް ތަރައްޤީކުރުމަށް އަޔަލެންޑުން ގިނަ ފިލާވަޅުތަކެއް ދަސްކުރެވެން އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މި ބައްދަލުވުމާއެކު، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާ އަޔަލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 07 ވަނަ ދުވަހުގައެވެ.

އަޔަލެންޑްގެ ސަފީރަކީ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އަޔަލެންޑްގެ ސަފީރު ހުންނަވާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ގައެވެ.