ޚަބަރު

ރޯދަމަހާއި ދިމާކޮށް ގެންނަ ކާބޯތަކެތީގެ ފުރަތަމަ ޝިޕްމަންޓް މިމަހު ބާޒާރަށް ނެރެވޭނެ: އެސްޓީއޯ


  • ޢާންމުންނަށް ދަތިނުވާނެ މިންވަރަށް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރެވޭނެ

  • ކާބޯތަކެތީގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށް އެސްޓީއޯއިން އިސްކަންދޭނެ

ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް ގެންނަ ކާބޯތަކެތީގެ ފުރަތަމަ ޝިޕްމަންޓް މިމަހު ބާޒާރަށް ނެރެވޭނެކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަހާއި ދިމާކޮށް ކާބޯތަކެއްޗަށް އޮންނަ ޑިމާންޑު ބޮޑުވެއެވެ. އެހެންކަމުން ބާޒާރުގައި މުދާ ލިބޭނެކަމުގެ ޔަޤީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން ދުރާލާ ތައްޔާރުވެއެވެ.

އެސްޓީއޯއިން ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ޢާންމުންނަށް ދަތިނުވާނެ މިންވަރަށް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް މުދާ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ރޯދަމަހަށް ބޭނުންވާ ކާބޯތަކެތީގެ ފުރަތަމަ ޝިޕްމެންޓް މިމަހުގެ ކުރީކޮޅު ބާޒާރަށް ނެރެވޭނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުންވެސް ޑިމާންޑު ބޮޑުވާ ބައެއް ކާބޯތަކެތި ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެހޭނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. ޚާއްޞަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދެވޭނެކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ. އަސާސީ ޢާންމު އަގަށްވުރެ މުދަލެއްގެ އަގު ބޮޑުވާނަމަ އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާގެ ލަފާގެ ދަށުން އަގު ހިފެހެއްޓުމަށްޓަކައި މުދާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ.

މިއަހަރުގެ ރަމަޟާންމަހާއި ދިމާކޮށް އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ކާބޯތަކެއްޗާއި ތަރުކާރީއާއި މޭވާއާއި ޕްރޮސެސްޑް ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާތަކެތި ހިމެނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާންމަސް ދިމާވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހާއެވެ.